ކުވޭތުގެ އަމީރު އަވަހާރަވުމުން މާދަން ރޭ ރާއްޖޭގައި ކަށުނަމާދުކުރަނީ
ކުވޭތުގެ އަމީރު އަވަހާރަވުމުން މާދަން ރޭ ރާއްޖޭގައި ކަށުނަމާދުކުރަނީ

ކުވޭތުގެ އަމީރު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހް މިއަދު އަވަހާރަވުމާ ގުޅިގެން މާދަމާ ރޭ ރާއްޖޭގައި ގައިބަށް ކަށުނަމާދުކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުވޭތަކީ ރާއްޖެއާ ނުހަނު ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އަމީރުގެ މައްޗަށް ގައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. މިނިސްޓްރީން ވަނީ އެ ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފަ އެވެ.

އުމުރު 86 އަހަރުގައި ނަވާފު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ރާއްޖޭގެ ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނިންމަވައިފަ އެވެ.

ނަވާފު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަޖެންސީގައި ނަވާފަށް ފަރުވާދިން ނަމަވެސް ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ.

އެމަނިކުފާނުގެ އާއިލާ އާއި ކުވޭތުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ރައީސް ކުރެއްވި ޓްވީޓުގައި ވަނީ އަމީރު އަވަހާރަވި އަޑުއެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި އަމީރުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ރާއްޖެ އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.

ކުވޭތުގެ އަމީރު އަވަހާރަވުމުން އެ ގައުމުން ވަނީ 40 ދުވަހުގެ ހިތާމަ ފާޅުކުރުމާ އެކު ތިން ދުވަހަށް ސަރުކާރު ބަންދުކުރަން ވެސް ނިންމައިފަ އެވެ.