12 ފެބުރުއަރީ 2017 - 06:06

މިދިޔަ 10 އަހަރު ވެސް އަކްޝޭއަށް ވަރަށް ކާމިޔާބެވެ. އޭނާގެ އެއާލިފްޓް، ރުސްތުމް އަދި ހައުސްފުލް 3 އަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ. މިހާރު ބެލެވޭ ގޮތުގައި މި ކާމިޔާބީގެ ސިލްސިލާ މިއަހަރު ވެސް ދެމެހެއްޓޭނެ އެވެ. މިއަހަރު ރިލީޒްކުރި އަކްޝޭގެ ފުރަތަމަ ފިލްމު "ޖޮލީ އެލްއެލްބީ2" އަށް ފުދޭ ވަރެއްގެ ރަނގަޅު ފެށުމެއް ވަނީ ލިބިފަ އެވެ.
ހުކުރު ދުވަހު ރިލިޒްކުރި މި ފިލްމު އިންޑިއާގެ އެކި ކަންކޮޅުތަކުގެ 3500 ސިނަމާއެއްގައި ރިލީޒް ކޮށްފައިވާއިރު ފިލްމަށް ވަނީ 13.2 ކްރޯޑު (1.3 ބިލިއަން ރުޕީސް) ލިބިފަ އެވެ.
ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރި މި ފިލްމަށް ކުރި ޚަރަދު ފިލްމު ރިލީޒްކުރުމުގެ މާ ކުރިން ވެސް ސެޓެލައިޓް ރައިޓްސް ވިއްކައިގެންނާއި މިއުޒިކް އަދި ޑިޖިޓަލް ރައިޓްސް ވިއްކައިގެން ވަނީ ލިބިފަ އެވެ.
އަކްޝޭ ގާނޫނީ ވަކީލެއްގެ ރޯލު އަދާކޮށްފައިވާ މި ފިލްމު، ފާޑުކިޔުންތެރިންގެ ތެރެއިން އެއް ބަޔަކަށް ކަމުދިޔައިރު އަނެއް ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. ކްރިޓިކްސް ކޮންމެ ގޮތަކަށް ރިވިއުތައް ލިޔުނު ނަމަވެސް ފިލްމު ބަލާ މީހުންނަށް މި ފިލްމު ވަރަށް ކަމުގޮސްފި އެވެ.
ބައެއް ފާޑުކިއުންތެރިން ބުނަނީ ފިލްމަކީ މަޖާ ފިލްމެއް ނަމަވެސް ފިލްމުގެ ވާހަކައިގައި ފޫނުބެދޭ ބައެއް ކަންތައްތައް ހުރި ކަމަށެވެ. އަދި އަރްޝަދު ވާރްސީ ބަތަލުގެ ބައި ކުޅެފައިވާ މީގެ ފުރަތަމަ ފިލްމު "ޖޮލީ އެލްއެލްބީ" އަށް ވުރެ ހުރިހާ ގޮތަކުން ވެސް މި ފިލްމު ފީކަޅާކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ނަމަވެސް މިހާރު ފިލްމުގެ ވިޔަފާރި ހުރި ގޮތަށް ބަލާއިރު ކުރީގެ ފިލްމަށް ވުރެ މި ފިލްމަށް މާ ރަނގަޅު ފައިދާއެއް ލިބޭނެ އެވެ.
ސުބާޝް ކަޕޫރު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ހެއްވާ މަޖާ އަދި މުނިފޫހިފިލާ ޒާތުގެ ފިލްމުތަކަށް ލޯބިކުރާ މީހުން ބަލާލަން ވަރަށް ކަމުދާނެ ފިލްމެކެވެ.
ހުމާ ގުރޭޝީ ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމުގައި ސައުރަބް ޝުކްލާ އާއި އަންނޫ ކަޕޫރު މުހިއްމު ރޯލުތަކެއް ކުޅެފައިވެ އެވެ.