ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ މުޅި ގައުމަށް ގައްދާރުވުން: ރައީސް
ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ މުޅި ގައުމަށް ގައްދާރުވުން: ރައީސް

ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލައި، ގައުމަށް ކޮންމެ ގޮތެއް ވިޔަސް އާރައި ބާރު ދެއްކުމަށް އުޅުމަކީ ގައުމަށް ގައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ މުޅި ގައުމަށް ގައްދާރުވުން: ރައީސް
ގާނޫނީ ސަރުކާރަށް ލޮޅުން އަރުވައިލުމަކީ މުޅި ގައުމަށް ގައްދާރުވުން: ރައީސް

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށް އިސްލާހެއް ގެންނަން ހުށަހަޅާފައިވަނިކޮށެވެ.

އެހެންވެ، ރައީސް ޑރ. މުއިއްޒު މިރޭގެ ޖަލްސާގައި ވިދާޅުވީ އާރާއިބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި ރާއްޖެ އަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި އާއިލާ އަށް ކަނޑައެޅިގެން ގައްދާރުވުން ކަމަށެވެ. އެއީ ވަރަށް ފިނޑި ނިކަމެތި މީހުން ރާވައި ހިންގާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހުރަވީ ދުވަހާ ގުޅުވާލައްވައި، ރައީސް ވިދާޅުވީ ދޮންބަންޑާރައިންނާއި އެ މަނިކުފާނަށް ވަފާތެރި މަދު މީސްކޮޅުންގެ ތެރެއިން ވެސް ފެނުނީ ތެދުވެރިކަމާއި އަމިއްލަ އެދުމެއް ނެތް އަދި ގައުމާއި ދީނުގެ ހިމާޔަތުގައި ނުކުންނެވި މަންޒަރު ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވިގޮތުގައި، ހޮޅިންގެ ދުއްތުރާތައް ގިނަވެ، އެ ދުވަސްވަރު މި ސަރަހައްދަށް ނުފޫޒުފޯރުވަމުން ގެންދިޔަ ފަރަންސޭސީންނާ ވާހަކަ ދައްކައި، ދޮންބަންޑާރައިންގެ އިސްނެގުމަށް އެ މީހުންނާ އެކު އެއްބަސްވުމެއް ހެދި އެވެ. އެކަމަކު އެ އެއްބަސްވުން އެކުލަވާލުމުގައި ވެސް ދޮންބަންޑާރައިން ވިސްނެވީ ހޮޅީން މާލެ އަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް އަރައި ގެއްލުންތައް ދެމުން ދިޔަ ދިއުން ދިވެހި ގައުމު ސަލާމަތްކުރުމަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. ދިވެހި ތާރީހުން އެނގޭ ގޮތުގައި އެ އެއްބަސްވުން ބިނާވެފައި އޮތީ ފަރަންސޭސީންނަށް ދިވެހި ދައުލަތުގެ ބާރުތައް ފަހަނައަޅައި ނުދެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހީންގެ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ފަރަންސޭސިން ކަމޭހިތަން ޖެހޭ ގޮތަށް. ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހާ ކަމަކާގުޅޭ ބާރާއި އިހްތިސާސެއްގެ ހައްގު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް. ފަރަންސޭސީންނަށް އެ އިން ކަމަކާ ހިލާފު ނުވެވޭގޮތަށް،" ރައީސް ވިދާޅުވި އެވެ.

އެއީ މީގެ ގާތްގަނޑަކަށް މީގެ 270 އަހަރު ކުރި ނަމަވެސް އޭރު ދުނިޔޭގެ ބޮޑު ބާރަކާ އެކު ދިވެހި ދައުލަތުން ގުޅުމެއް އުފެއްދި އިރު، ދައުލަތުން ހިފަހައްޓާފައި ވަނީ ހަރުދަނާ ގޮތްތަކެއް ކަމަށާއި އެއީ ވަރަށް ބޮޑު ފިލާވަޅެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ގައުމެއް ސަލާމަތްކުރުމުގައި ގައުމީ ލޯބި މުހިއްމުވާ ސަބަބަކީ އެއީ ކަމަށާއި އެ ބައެއްގެ ބާރުގެ ދަށުގައި އެ ބަޔަކު ދިފާއުކުރާ ބިމެއް އޮންނަން ޖެހޭ ކަމަށެވެ. އެހެންވެ، އެ ބިން ދިފާއުކުރުމުގެ ރޫހާއި ކެރުމާއި ހިތްވަރާއި ހުނަރާ މަސައްކަތްތެރިކަމުގެ ގާބިލުކަން އެ ގައުމެއްގައި އުފައްދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަކީ ގައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުން ކަމަށާއި އެކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ދާނެ ކަމަށާއި އެކަމަށްޓަކައި މި ސަރުކާރުގެ ހަފުތާ 14 ތެރޭގައި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ސްކޫލް ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެއީ ދިވެހި ކުދިންނަށް ދޭ ތައުލީމަކީ ރާއްޖެ އަށް ޓަކައި ދޭ ތައުލީމަކަށް ހަދައި، ދިވެހި ފަސްގަނޑާއި ވަތަން ދެކެ ލޯބިވާ ޖީލެއް އުފެއްދުމުގެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހި ގައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތައި، ތިމާ އަށް ވުރެ އިސް މީހާ އަށް ގަދަރުކުރާ ގައުމަކަށް ހެދުމަށް ވަރަށް ހިންމަތް ކުރަންޖެހޭ، އެ މަނިކުފާނު ވިދާޅުވި އެވެ.

"ތަހުޒީބަކީ،ތަރައްގީއަކީ އެއީ. މި ކަންކަން ކުރިޔަށް ގެންދެވޭނީ ދިވެހި ގައުމިއްޔަތު އިއާދަކުރެވިގެން."

ރައީސް ޑރ. މުއިއްޒު މިރޭ ވަނީ ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހާ އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.