ލަސްވުން
ލަސްވުން

ބުދަ ދުވަހާ ގުޅޭ

"ދަރިފުޅުމެން އެ ގެއިން ވައްކަންކުރީ؟" ސަފިއްޔާ އެހިއެވެ.

ތޫބާ ބަލައިލީ ފަރްހާގެ މޫނަށެވެ. ފަރްހާ ބަލައިލީ ތޫބާގެ މޫނަށެވެ. ސަފިއްޔާ އެ ދައްކަނީ ކޮން ގެއެއްގެ ވާހަކައެއްކަމެއް ވެސް ތޫބާއާއި ފަރްހާއަކަށް ނޭނގެއެވެ. އެމީހުންގެ މޫނުމަތިން ފެނުނީ، އެހައި ވެސް ބޮޑު ހައިރާންކަމެކެވެ.

"ލުބާނާގެ އަނގޮޓިތަކެއް ދަރިފުޅުމެން ވަގަށްނެގީހޭ މަންމަ މި އަހަނީ؟" ސަފިއްޔާ އެހިއެވެ. "ލުބާނާ އެ ދުވަނީ އެހެން ގޮވަމުން. އޭނަ ނޫޅޭ ސިއްރުކުރާކަށް ވެސް. އެހެންވެގެންތާ އަހަރެން ހުރި ތަނެއްގަ، އަހަންނަށް އިވޭ ވަރަށް އެހެން ކިޔާނީ."

"ވަޓް؟" ފަރްހާއަށް ބުނެވުނެވެ. "މި ގުޅަނީ އޭނައަށް."

ފަރްހާ ފޯނުނެގުމުން ތޫބާ އެ ކަން ހުއްޓުވިއެވެ. ދެބެންގެ ތަފާތަކީ އެއީއެވެ. ފަރްހާ ވިސްނާނީ ކަންކޮށް ނިންމައިފައެވެ.

"އަހަރުމެން ވައްކަމެއް ނުކުރަން މަންމާ!" ތޫބާ ބުންޏެވެ. "މަންމަ އަހަރުމެން ބޮޑުކުރީ އެއަށް ވުރެ ރަނގަޅަށް."

"ތީ މަންމަ އަޑުއަހަން ބޭނުންވި ޖަވާބު،" ސަފިއްޔާ އެހެން ބުނި އިރު ހުރީ ފެންކަޅިވެފައެވެ. "މަންމައަށް އެނގޭ ދަރިފުޅުމެން އެ ކަހަލަ ކަމެއް ނުކުރާނެކަން ވެސް. އެ ހަފީޒާއަކީ ނިކަން ޒާތަކަށް އުޅޭ މީހެއް. ދުވަހަކު ވެސް އޭނަގެ ހިތް އަހަންނަކަށް ހެވެއްނުވާނެ. ނޭނގެ ކީއްވެގެންކަމެއް ވެސް. އަހަންނަކީ އެ ގެއަށް ދުވަހަކު ވަތް މީހެއް ވެސް ނޫން. ދަރިފުޅުމެން ވެސް ދެން އެބަ ޖެހޭ ވިސްނާލަން. މާދަމާ ނޭނގެ ކޮން އަޑެއްކަމެއް އަރުވާނީ. އެމީހުން އެއީ އެމީހުންކަން ދަނެގެން އުޅެން ދަސްކުރޭ!"

ގަޑީގެ ސިކުންތުކަށި ބާރަޔަށް އެރިތަން ބަލަން، ތަންމިނަށް ދެލޯ ހުޅުވައިގެން ފަރްހާ އޮތެވެ. އެ ދަނޑިވަޅު ތޫބާއަށް ހޭލެވުނެވެ.

"ބާރަޖެހީނު!" ނިދިއަޑަކުން ތޫބާ ބުންޏެވެ. "މާދަމާ އޮފީހަށް ނުދަނީތަ؟"

ތޫބާ ދެއްކި އެއްވެސް ވާހަކައަކަށް ފަރްހާ ސަމާލުކަމެއް ނުދެއެވެ. އެ އަޑު ނުވެސް އިވޭ ކަހަލައެވެ.

"މަންމަ އެ ބުނީނު އަހަރުމެންނަށް މަންމަ ޓްރަސްޓްކުރަމޭ ދޯ؟" ގަޑިއަށް ބަލަހައްޓައިގެން އޮވެ ފަރްހާ ބުންޏެވެ. "އަހަރެން ގަބޫލެއް ނުކުރާނަން. ދުށިންތަ މަންމަގެ ލޯ؟ މަންމަ ހުރީ ވަރަށް ދެރަވެފަ."

"ދެން މަންމައަށް އެނގޭނެ ދޯ އަހަރުމެން ވައްކަމެއް ނުކުރާނެކަން،" ނިދިފިލުމުން ތެދުވެ އެނދުގައި އިށީނދެފައި ތޫބާ ބުންޏެވެ. "ސަލާންޖަހަން އަހަންނަށް ކެރިދާނެ އެކަމަކު ވައްކަންކުރާކަށް ނުކެރޭނެ."

"އެކަކަށް ވެސް އަނެކަކުގެ ގޮތެއް ނޭނގޭނެ،" ތޫބާއަށް ބަލައިލަމުން ފަރްހާ ބުންޏެވެ. "މަންމައަކަށް އަހަރުމެންނެއް ނޭނގޭނެ. އަހަރުމެންނަކަށް މަންމައެއް ނޭނގޭނެ. ދޮންތައަކަށް އަހަންނެއް، އަހަންނަކަށް ދޮންތައެއް ވެސް ނޭނގޭނެ. މި ބުނަނީނު ނޭނގޭނެޔޭ! ހީވާނެ އެނގޭނޭ! އެހެންވެގެނެއްނު ކަމެއްވާ އިރަށް މީހުން ބުނަނީ، މަ ހީ ވެސް ނުކުރަމޭ އޭނަ އެ ކަހަލަ ކަމެއް ކޮށްފާނެކަމަކަށް. ލުބާ އެ ކުރީ ވަރަށް ކަޑަކަމެއް. އެއީ ދޯ އޭނައަށް މި އައި ޗޭންޖަކީ. ކީއްވެބާ އެހާ ބޮޑު ދޮގެއްހެދީ؟"

"އެކަމަކު ކުރީ ދުވަހު ވެސް އޭނަ އަތުގަ އެ ރިންގްތައް ހުއްޓެއްނު،" ތޫބާ ބުންޏެވެ. "ނޫނީ އަނެއްކާ އޭގެ ސެޓެއް ހައްދަ ވެސް ފާނެ. އެމީހުންނަށް އެއީ ކޯޗެއް؟ އަހަންނަށް ފެންނަނީ އެ ގެއަށް ދިޔުން ދެން ހުއްޓާލަން."

ފަރްހާ ނިކަން ގަޔާވެލާފައި ތޫބާއާ ދިމާއަށް އެނބުރިފައި ބޯދަށަށް އަތްލައްވައިލިއެވެ. ދެން ކަންތައްކުރަންވީ ކިހިނެއްކަން ފަރްހާ ނިންމައިފިއެވެ. ލުބާނާއަށް އަދަބެއްނުދީ ފަރްހާ ދެން ހިތްހަމައެއްނުޖެހޭނެއެވެ. ފަރްހާގެ ނަޒަރުގައި ލުބާނާގެ ފަރާތުން ފަރްހާއަށް އެ ލިބުނީ ބަހަނާއެކެވެ. ފަރްހާގެ މަގު ސާފުވީއެވެ. ތަންމިނަށް ހުޅުވުނީއެވެ.

"ކުޑަކުޑަ ފޮކްސް ކޯޗެއް ތި ވިސްނަނީ؟" ތޫބާ ސުވާލުކުރިއެވެ.

"ނަތިންގް!" ލޯމަރައިލަމުން ފަރްހާ ބުނެލިއެވެ. "ގުޑްނައިޓް!"

ލުބާނާގެ ގެއަށް ދިޔުން ތޫބާ މަދުކޮށްލިއެވެ. އެއީ ވަރަށް އުނދަގުލުން ނިންމި ނިންމުމެކެވެ. ތޫބާ އެ ގެއަށް ދަނީ ކޮންމެހެން ލުބާނާޔާ ބައްދަލުކުރާކަށް ނޫނެވެ. އެ ގެއިން ލުބާނާއަށް ލިބޭ އެހެން ހިތްހަމަޖެހުމެއް ވެސް އޮންނަނީއެވެ. އެއްގޮތަކަށް ވެސް އެ ގެއަށް ނުވަދެހުރުމަކީ ތޫބާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ފަރްހާގެ މިޒާޖަށްއައީ އަޖައިބެއް ކަހަލަ ބަދަލެކެވެ. ވަގުތެއް ވެއްޖެއްޔާ ފަރްހާ ގޮސް އުޅެނީ ލުބާނާގެ ގޭގައެވެ. ކަމެއްވީހެން ވެސް ހީނުވެއެވެ.

ލުބާނާއާއި ރަޒީން ކައިވެނިކުރަން ތިން ދުވަހަށްވީ އިރު، ފަރްހާ ނިދަނީ ވެސް ލުބާނާގެ ގޭގައެވެ. އެ ގޭގައި ހުސް ދެ ކޮޓަރި ހުރެއެވެ. ވަގުބަދުނާމު ބޮލުގައިއެޅުވުމުން ވެސް އެހެން އުޅެން ފަރްހާއަށް ކެރުނީތީ ތޫބާ ވަރަށް ހައިރާންވިއެވެ. ފަރްހާއަކީ މޭކަޕުކުރަން ވަރަށް ވަރުހުންނަ ކުއްޖެކެވެ. ކައިވެނިކުރާ ދުވަހު ލުބާނާ ކުރަންވީ މޭކަޕާ ބެހޭ ގޮތުން ވެސް ފަރްހާއަށް ބުނެދެވޭނެ އެތައް ކަމެއް ހުއްޓެވެ. ޓެސްޓަށް މޭކަޕުކުރަން އޮތް ދުވަހު، ލުބާނާޔާ އެއްކޮށް ދިޔައީ ވެސް ފަރްހާއެވެ. އެނބުރި ގެއަށް އައިސް ލުބާނާގެ މޭކަޕު ތޫބާއަށް ދެއްކިއެވެ. ގެންނަންފެންނަ ބަދަލުތައް ވެސް ކިޔައިދިނެވެ. ތޫބާގެ ހިޔާލުހޯދިއެވެ.

"ކީއް ތި ކުރަނީ؟" ތޫބާ ވަރަށް ހައިރާންވެފައި އެހިއެވެ. "ފަރޫއަކީ ނުލާހިކު ކުދިކުދި ކަންކަން ނުލާހިކު ސީރިޔަސްކޮށް ނަގާ ކުއްޖެއް. އަހަރުމެންނަށް ވަގަށްގޮވި މީހަކާ ހެދި ތިހާ ވަރުން ތި އުޅެނީ.."

"ލުބާއަކީ އަހަރުމެންގެ ކޮއްކޮއޭ ދޮންތާ!" ވަރަށް އުފާވެފައި ފަރްހާ ބުނެލިއެވެ. "ކުޑަކުދިންނަށް ސިލީ މިސްޓޭކް ހެދޭނެ. ތަންކޮޅެއް ލައިޓްކޮށް ނަގާބަލަ! އެނގޭތަ ލޫބާ ހަނީމޫނަށް ދަނީ ކޮން ތާކަށްކަން؟ ވެނިސްއަށް. އައި ލަވް ވެނިސް. ކޮންމެވެސް ދުވަހަކުން އަަހަރެން ވެސް ދާނަން. ބަލައްޗޭ! މާދަން ދާންވާނެ ފޮތި ގަންނަން. ބާގަންޑީ ދޯ އަހަރުމެން ގަންނާނީ. ދޮންތަޔާ ވެސް ވަރަށް ގުޅޭނެ އެ ކުލަ. މިހާ ލަސްވީމަ ހެދުން ފެހޭނެބާ؟

ބުނާނެ އެއްޗެއް ނޭނގިގެން ބަލަން ހުރި ތޫބާ، ޗޮކެއްކަނޑައިފައި އެ ތަނުން ދިޔައީއެވެ. ފަރްހާގެ މޫނުމަތި ނެގީ އެ ވަގުތުއެވެ. އެ މޫނަކު އުފާވެރިކަމެއް ނެތެވެ. ހިތްހަމަޖެހުމެއް ވެސް ނެތެވެ. ދެލޮލުން ބަބުޅަމުންދިޔައީ ބަދަލުހިފުމުގެ އަލިފާންކަނިތަކެވެ. ފަރްހާއަށް ލުބާނާ ވަގަށްގޮވިގޮވުން ދުވަހަކު ވެސް ފަރްހާ ހަނދާންނައްތައެއް ނުލާނެއެވެ.

ލުބާނާ ރަންކިއި ކުޑަ ރަސްމިއްޔާތުގައި ވެސް ފަރްހާ ބައިވެރިވިއެވެ. ތޫބާ ބައިވެރިއެއް ނުވެއެވެ. އެއީ ހަވީރެއްގެ ވަގުތެވެ. ތޫބާ އޮތީ އޭނަ އާންމުކޮށް އޮންނަ ޖޯލީގައެެވެ. ގޭގެ ހާމަފެންޑާގައެވެ. ބައެއް ގަސްގަހުން މާތައް ވަކިވެފައި ވިޔަސް، ގިނަ ގަސްގަހުގެ މާތައް ހުރީ ފަރިވެ ފޮޅިފައެވެ. އާންމުކޮށް އެ ތަނަށް އަންނަ ކޮކާ އެ ދުވަހު ވެސް އައެވެ. މާތަކުގެ މަތިން އުދުހުނެވެ. ޖައްސާނެ މަލެއް ނޭނގިގެން އުޅުނެވެ. އެ ވަގުތު ތޫބާގެ ފޯނަށް މެސެޖެއް އައެވެ. ވަޓްސްއެޕް ބަލައިލި އިރު އެއީ ފަރްހާ ފޮނުވި ފޮޓޯއެކެވެ. ރަންކިއުން ނިމި ސައިގެ ނަންބަރު ކުރިޔަށްދަނީއެވެ. ފޮޓޯގައި ތިބީ ލުބާނާއާއި ރަޒީންއެވެ. އެ ސައި ވެސް ހީވަނީ ކައިވެނީގެ ހަފުލާއެއްހެންނެވެ. އެހައި ވެސް ގިނަ ސާމާނު ހުއްޓެވެ. ތޫބާ އެތައް އިރެއް ވަންދެން ފޮޓޯތައް ބަލަން އިނެވެ. ބައެއް ފޮޓޯ، ތޫބާ ހިތްހަމަޖެހޭ ވަރަށް ކައިރިކޮށްހެދިއެވެ. ތޫބާ ވެސް އެ ފަދަ ދުވަހެއް ދެކެން ބޭނުމެވެ. މީހަކާ ކައިވެނިކުރަން ބޭނުމެވެ. ހުސްހަށިބަޔަށްހުރުމަކީ ދިރިއުޅުމެއްކަމަކަށް ތޫބާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ ދިރިހުރުމެކެވެ. ފުރިހަމަނުވާ ހަޔާތެކެވެ.

"ކޮބާ ދޮންތަ؟" ލުބާނާގެ ގޭގެ ހާމަފެންޑާގައި ހުރި އުނދޯލީގައި އިން މޫސަ އެހިއެވެ.

"ގޭގަހެން ހީވަނީ،" ޖެހިގެންއިން ފަރްހާ ބުންޏެވެ. "މި ކަހަލަ އަޑުގަދަ ތަންތަނަށް ދޮންތަ ވަރަށް އަންނަ ހިތްނުވާނެ."

"ކިތަންމެ އަޑުގަދަޔަސް ލުބާގެ ކަމެއްގަ ދޮންތަ ވެސް ޖެހޭނެ ބައިވެރިވާން،" މޫސަ ބުންޏެވެ. "މިހާރު ލުބާ ވެސް މީހަކާއިންނަނީ. ދޮންތަ އަދި ވެސް އެ ހުންނަނީ މީހަކާ ނީނދެ. ދަރިފުޅު ދެން ކޮން އިރަކުން މީހަކާއިންނަނީ؟"

"އެބަ އަންނަން ކަނަމަދު ކޭކުކޮޅެއް ހިފައިގެން." ތެދުވަމުން ފަރްހާ ބުންޏެވެ.

ފަރްހާ ތެދުވީ، ބައްޕަ ދެއްކި ވާހަކަ މެދުކަނޑައިލަން ބޭނުންވާތީއެވެ. ހެދިކާ މޭޒު ކައިރިއަށް ޖެހިލާފައި، އެއްޗެއް ނުވެސް ނަގައި، ލުބާނާޔާ ދިމާއަށް ފަރްހާ ހިނގައިގަތެވެ. ލުބާނާއާއި ރަޒީން ތިބީ އެކަހެރި މޭޒެއްގައެވެ. ފަރްހާ ގޮނޑިއެއް ހިފައިގެން އައިސް އެ މޭޒު ކައިރީގައި އިށީނެވެ.

"އަނެއްކާ މި ތަނަށް ވެސް އައީ،" ސަމާސާ ރާގެއްގައި ރަޒީން ބުންޏެވެ. "ފަރޫއާ ހެދި ނޯންނާނެ މަލެއް ވެސް ފޮޅުވާލެވޭކަށް."

"ދެ ދުވަސް ފަހުން!" ލާނެއް ރާގެއްގައި ފަރްހާ ބުންޏެވެ. "އޭ! ލުބާ ފަކީރު ދެ ދުވަސް ވަންދެން ގޭގަ ސްޓަކްވީއޭ ދޯ؟ ރަޒީންގެ ޕާމިޝަން ނެތި ދެން ލުބާއަކަށް ގެޔަކުން ނުވެސް ނުކުމެވޭނެ. ސޯ ސޭޑް!"

"އާނ!" މަޖާ ރާގެއްގައި ރަޒީން ބުންޏެވެ. "ދޮރުން ބޭރަށް އެންމެ ފިޔަވަޅެއްއެޅިޔަސް ނިމުނީ!"

"އައްޗި!" ލުބާނާ ބުންޏެވެ. "ތިހެން ހިތަށް ވެސް ނާރުވައްޗޭ! ރަންކިޔަސް، އިނަސް މަ ބޭނުން ގޮތަކަށް މަ އުޅޭނީ."

"ދޯ ލުބާ!" ފަރްހާ ނިކަން ގަޔާވެލާފައި ބުންޏެވެ. "މި ބޯއީސް ވަރަށް އެ ފާޑުވާނެ. މިރޭ ވާނެ ހުޅުމާލެއަށް ނައްޓާލަން. އަހަރެން ސައިކް ކައިރިކޮށްލީމަ ލުބާ ސައިކަށް އަރާ! އޭރުން ނުވާނެއްނު ދޮރުން ބޭރަށް ފިޔަވަޅެއްއެޅިކަމަކަށް."

އެންމެން އެކުގައި ހީނގަތެވެ. އެ މާހައުލުގައި ވާހަކަދެކެވުނީ ސަމާސާ ރާގެއްގައެވެ. އެހެނަސް، މީހުން ތެރޭގައި ރަޒީން ދަށްކޮށްލާ ގޮތަށް ވާހަކަދެއްކުމަކީ ލުބާނާ އާންމުކޮށް ކުރާކަމެކެވެ. ލުބާނާއަކީ، މަންމަ ހަފީޒާ ބޭނުންވި ކަހަލަ "މިނިވަން ހިޔާލުގެ" ކުއްޖެކެވެ. ފިރިހެނުންގެ މައްޗަށް ބަސްކިޔަން ދަސްކޮށްދީފައިހުރި ކުއްޖެކެވެ. އެއީ ރައްޓެއްސަކަސް ނުވަތަ ފިރިމީހާ ވިޔަސްވެހެވެ. ފަރްހާއަކަށް އެ ކަން ކަމަކުނުދެއެވެ.

"ސޮރީ އިނގޭ!" މަންމަ ގޮވައިގެން ލުބާނާ ދުރަށްޖެހިލި ވަގުތު ފަރްހާ ބުންޏެވެ. "ކުއްލިއަކަށް ލުބާ އެހެން ބުނީމަ ރަޒީންގެ މޫޑު ރަނގަޅުކޮށްލަން އަހަރެން އެހެން ބުނީ."

"ތެންކްސް!" ހިނިތުންވެފައި ރަޒީން ބުންޏެވެ. "ކިތަންމެ ފަހަރަކު ފަރޫ އެހެން ހަދަމެއްނު! އަހަރެންނަށް ނޯޓިސްކުރެވެޔޭ! ކީއްވެ އަސްލު އެހެން ހަދަނީ؟"

"ލައިކްވާތީނު!" ފަރްހާ ބުނެލިއެވެ.

-ނުނިމޭ-