ރަހީނުކޮށް އޮރިޔާން ކާޑު ހެދި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި
ރަހީނުކޮށް އޮރިޔާން ކާޑު ހެދި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް، އޮރިޔާންކާޑު އުފެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރަހީނުކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މިމަހުގެ 14 ވަނަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރާއި 26 އަހަރު އަދި 27 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 25 އަހަރުގެ މީހާގެ ބަންދަށް 12 ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުުކުރަމުންދާ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެމީހުންގެ ކޯޓު އަމުރުގައިވާ ގޮތުން މި މީހުންގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި ބިރުދައްކައި، ފޭރުމާއި ވައްކަންކުރުމުގެ އިތުރުން އޮރިޔާން ކާޑު ހެދުމުގެ ތުހުމަތެވެ. އެނގިފައިވާ ގޮތުގައި މިއީ ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން ފުލުހުން ބަލަމުން އަންނަ މައްސަލަ އެވެ.

މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަނީ އޭނާގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކޮށްފަ އެވެ. މިފަހުން އޭނާގެ ވީޑިއޯތަކެއް ލީކުވި މައްސަލާގައި މިހާތަނަށް ޕީޖީ އޮފީހުން ފިޔަވަޅެއް ނާޅަ އެވެ.