16 ޑިސެމްބަރ 2023 - 19:34

ކުވޭތުގެ އަމީރު ނަވާފް އަލް އަހުމަދު އަލްޖާބިރު އައްސަބާހް މިއަދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފި އެވެ.
އުމުރުން 86 އަހަރުގައި ޝެއިފް ނަވާފު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމަޖެންސީގައި ނަވާފަށް ފަރުވާދެއްވި ނަމަވެސް ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނީ ކުވޭތުގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ، މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވެސް ވަނީ އެމަނިކުފާނުގެ އާއިލާއާއި ކުވޭތުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޓްވީޓު ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ، ޝެއިހް ނަވާފު އަވަހާރަވި އަޑުއެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި އަމީރުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ރާއްޖެ އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.
ކުވޭތުގެ އަމީރު އަވަހާރަވުމުން އެ ގައުމުން ވަނީ 40 ދުވަހުގެ ހިތާމަ ފާޅުކުރުމާ އެކު ތިން ދުވަހަށް ސަރުކާރު ބަންދުކުރަން ވެސް ނިންމައިފަ އެވެ. ދެން އެ ގައުމުގެ ތަހުތާ ހަވާލުވެވަޑައިގަންނަވާނީ 83 އަހަރުގެ މިޝަލް އަލް އަހުމަދު އަލްޖާބިރު އައްސަބާހެވެ.