17 ޑިސެމްބަރ 2023 - 12:38

ފާއިތުވީ އަހަރުތަކުގައި ސިޔާސީ ދާއިރާގެ އެންމެ އިސް ސަފުން ނުފެނުނު ނަމަވެސް, ނޫރުބާން ފަހުމީގެ ނަމަކީ މި ދާއިރާ އަށް އާ ނަމެއް ނޫނެވެ. ގާނޫނީ ދާއިރާއިން ހިދުމަތް ކުރެއްވުމުގެ ކުރިން ވެސް އޭނާ ވަނީ ސިޔާސީ އެކި ޕޯޑިއަމްތަކުން މުޒާހަރާތަކުގެ އިސްސަފުން ފެނިގެން ގޮސްފަ އެވެ.

އެ ކަންކަމުން ދުރަށް ޖެހިލި ނަމަވެސް, މިދިޔަ ދުވަސްތަކުގައި ނޫރުބާންގެ ހިތުގައި ސިޔާސީ ދާއިރާ އަށް އޮތް ލޯބި ފަނޑެއް ނުވެ އެވެ. ރައްޔިތުންގެ ހިދުމަތުގައި ހުންނެވި ނޫރުބާން އަބަދު ވެސް ބޭނުންވީ "ރައްޔިތުންގެ ސީދާ މަންދޫބެއް"ގެ ގޮތުގައި ހިދުމަތް ކުރާށެވެ.

އެ ހިދުމަތާއި ތަޖުރިބާތަކުން ހިތްވަރާއި ފިލާވަޅު ލިބިގަނެ, މިއަދު އޭނާ ނިކުމެ ހުންނެވީ ގަލޮޅު އުތުރު ދާއިރާއަށް މުޅިން އާ ތަސައްވުރަކާ އެކުގަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނޫރުބާން ނިންމެވީ އަންހެނުންނާއި ޒުވާނުންގެ ހާލަތު އެނގި ހުރެ އެވެ. އެ ދާއިރާއަށް އޭނާ ގެންގުޅުއްވަނީ މުޅިން އާ ތަސައްވުރެކެވެ.

ނޫރުބާން މަތީ ތައުލީމު ހާސިލް ކުރެއްވީ ގާނޫނީ ދާއިރާއިންނެވެ. ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން ލޯ ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު އޭގެ ފަހުން ސިންގަޕޫރުގެ ޗާޓާޑް އިންސްޓިޓިއުޓް ފޯ އާބިޓްރޭޓާސް އިން، އާބިޓްރޭޝަން ދާއިރާއިން އިންޓްރޮޑަކްޓަރީ ސެޓްފިކެޓް ހާސިލްކުރެއްވި އެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ ސޮއާސް ޔުނިވާސިޓީ އޮފް ލަންޑަން އިން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ނޫރުބާންގެ ގައުމީ ހިދުމަތް އެންމެ ފުރަތަމަ ފެއްޓެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ އިންޓާނެއްގެ މަގާމުންނެވެ. އެއަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އޭނާ ވަނީ ރައީސް އޮފީހުގެ ލީޑަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ. ގައުމީ ޔުނިވާސިޓީގައި ބިޒްނަސް ލޯ ވެސް ކިޔަވައިދެއްވުމަށް ވަޑައިގެންނެވި ނޫރުބާން އަކީ ގާނޫނީ ގޮތުން އުފެދުނު އެންމެ ފުރަތަމަ ބާ ކައުންސިލްގެ އިންތިހާބީ މެންބަރެއް ވެސް މެ އެވެ.

ނޫރުބާން އެންޑް ކޯ ނަމުގައި އަމިއްލަ ލޯ ފާމެއް މިހާރު ހިންގަވަމުން އަންނަ ނޫރުބާން 2018 ވަނަ އަހަރުން ފެށިގެން އަންނަނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް ބާޒާރު ހިންގާ ދެ ކުންފުނި ކަމުގައިވާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއީއޯ) ކަމުގެ އިތުރުން ލީގަލް ކައުންސެލްގެ މަގާމު އަދާކުރައްވަމުންނެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ނޫރުބާން ވަނީ އަންހެނުންގެ ހައްގުތަކާ ގުޅޭ މުހިންމު މަސައްކަތްތަކެއް ވެސް ކުރައްވައިފަ އެވެ. ވިމެން އޮން ބޯޑު ފަދަ ޖަމިއްޔާތަކުގެ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ އަހަރުތަކެއް ވަނީ ހޭދަކުރައްވައިފަ އެވެ.
ގާނޫނީ ދާއިރާއިން ނޫރުބާން ކުރިއަށް ދާން ބޭނުންވި އެއް ސަބަބަކީ ވެސް އެ އެވެ. ބޭނުންވާ މީހުންނަށް އެކި ގޮތްގޮތަށް އެހީވާން އޭނާ ބޭނުން ވުމެވެ.
"އަޅުގަނޑު އަބަދުވެސް ބޭނުންވޭ ގައުމުގެ ހިންގުންތެރި އިސްމަގާމުތަކުގައި މަސައްކަތް ކުރަން. ގައުމުގެ ސިޔާސީ ހާލަތަށް ބަލަމުން އައި އިރުގައި އަޅުގަނޑަށް ފެނުނީ އަޅުގަނޑަށް ލިބުފައި ހުރި ތައުލީމާއި ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފަސޭހައިން އެންމެ ގިނަ ބަޔަކަށް ހިދުމަތް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަން. ރައްޔިތުންގެ މަޖިލީހަކީ ގާނޫނާ ގަވައިދުތައް ހެދިގެން ރައްޔިތުންނާ ގުޅުން ހުރި ހުރިހާ ކަމެއްގައި ގޮތް ކަނޑައެޅިގެންދާ ގައުމުގެ ހިންގުން ބައްޓަން ވެގެންދާ އެއް ތަން," މަޖިލީހަށް ކުރިމަތިލައްވަން ނިންމެވި ސަބަބާ ގުޅޭ ގޮތުން "މިހާރު" އަށް ނޫރުބާން ވިދާޅުވި އެވެ.
"ބާރު ފޯރުވޭ ނުފޫޒުވެރި މަގާމަކަށް ގޮސްގެން ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާތީ އަޅުގަނޑު މަޖިލީހަށް މި ކުރިމަތިލީ."
ފާއިތުވީ އަހަރުތަކުގައި ސްޓޮކް އެކްސްޗޭންޖުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަން ބޯޑު އަދި ބާ ކައުންސިލް ފަދަ، އެހެނިހެން އިދާރާތަކުގައި ކުރެއްވި މަސައްކަތުން ރައްޔިތުންނާ ގުޅުން ހުރި ވަރަށް ގިނަ ދާއިރާތަކަށް ލޯ ހުޅުވިފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީދާ ސިޔާސީ ހަރަކާތްތަކުގައި އަޅުގަނޑު ނޫޅުނު ކަމުގައި ވިޔަސް، އިގްތިސޯދީ ގޮތުން ރައްޔިތުން ވަކިން ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރިކުރެވޭނެ ގޮތާމެދު ވިސްނާ އެކަންތައްތަކަށް އެޑްވޮކޭޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ"," ބައެއް ތަޖުރިބާތައް އޭނާ ހިއްސާކުރެއްވި އެވެ.
ނޫރުބާން ގަބޫލުކުރައްވާ ގޮތުގައި އޭނާ މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ, ރައްޔިތުންގެ އަޑު އިއްވައި ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ ބާރުވެރި ޕްލެޓްފޯމެއް ލިބޭނެ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލެ ރައްޔިތުންގެ ބަސް އިއްވާތަން މިހާރު މެންބަރުންގެ ފަރާތުން ނުފެނެ އެވެ. ނޫރުބާން ބޭނުންވަނީ އެކަން ބަދަލުކުރާށެވެ.
"މެންބަރެއްގެ ގޮތުގައި ހުރެ ދާއިރާގެ ވަކިވަކި މީހުންނަށް ނުއުފުލޭ އަޑު, އަޅުގަނޑަށް އުފުލޭނެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އޮންނާނެ އަޅުގަނޑުގެ އަޑު އަހާނެ ވެރިކަމާއި ގާތް ގުޅުމެއް. އެ ގުޅުމުގެ ނަތީޖާއިން މާލެ އާއި އަޅުގަނޑުގެ ދާއިރާއަށް މަންފާ ކުރާނެ ކަންކަން އަޅުގަނޑު ކުރާނަން," ނޫރުބާން ވިދާޅުވި އެވެ.
"ދާއިރާ ރައްޔިތުންގެ އަޑު އުފުލާނެ، ރައްޔިތުންގެ ކަންކަމުގައި ސީދާ އަޅުގަނޑުގެ ގާތަށް އާދެވޭނެ. ރައްޔިތުންގެ ސީދާ މަންދޫބެއްގެ ގޮތުގައި ގަލޮޅު އުތުރުގެ ރައްޔިތުންނަށް އަޅުގަނޑު ފެނުމަކީ އަޅުގަނޑު ދެކޭ ވަރަށް ބޮޑު ތަސައްވުރެއް."
ނޫރުބާން ގަބޫލުކުރައްވާ ގޮތުގައި މާލޭގެ ވަކި ދާއިރާއަކަށް އިންތިހާބުވި ނަމަވެސް މަސައްކަތް ކުރަން ޖެހޭނީ މުޅި މާލޭގެ ތަރައްގީއަށެވެ. މާލެއަށް ފާއިތުވީ ސަރުކާރުތަކުން އިހުމާލުވެފައި އޮތް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި, އޭނާގެ ވިސްނުން ހުރީ މާލެއަށް އުމްރާނީ ތަރައްގީ ގެނެވޭނެ ގިނަ ކަންތައްތަކަކަށް ވަކާލާތު ކުރެއްވުމަށެވެ.
"ގަލޮޅު އުތުރުގައި ވެސް މާލޭގެ ހުރިހާ ދާއިރާތަކެއްގައި ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ހާލަތުގެ ދަތިކަން. ގަލޮޅު އުތުރު މެންބަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރާނަން މާލޭގެ ރައްޔިތުންގެ އަދި ވަކިން ހާއްސަކޮށް އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާ މަޝްވަރާކޮށްގެން ފަސޭހަތައް ހޯދައިދިނުމަށް," އޭނާ މާލެއަށް ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވި އެވެ.
މާލޭގެ އަމާންކަމާއި ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކަކީ ވެސް އެކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރައްވަން ނޫރުބާން ބޭނުންވާ މައްސަލަތަކެކެވެ. މަޖިލީހުގެ ތެރެއިން ސަރުކާރު ތަމްސީލް ކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މިފަދަ މައްސަލަތައް ހައްލުކުރެއްވުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރައްވާނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު ވެސް ގާނޫނީ ދާއިރާއިން, ދާއިރާގެ ރައްޔިތުންނަށް ހިދުމަތްތައް ކޮށްދިނުމަކީ ނޫރުބާންގެ އަޒުމެކެވެ. އެކަން ހާސިލް ކުރެއްވުމަށް ދާއިރާގައި ގާއިމްކުރައްވާ އޭނާގެ އޮފީހުން ރައްޔިތުންނާ ގުޅުންހުރި އިޖުތިމާއީ އަދި އެ ނޫން ވެސް ދަތި އުނދަގޫ ކަންކަމުގައި ހިދުމަތްތައް ލިބޭނެ ފަދަ އިންތިޒާމުތަކެއް ގާއިމްކުރައްވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
"އަންހެނުންނަށް ދިމާވާ މައްސަލަތަކާއި ކުޑަކުދިންނާއި ގެވެށި އަނިޔާތަކާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި މިފަދަ މައްސަލަތަކަކީ އަސްލު ގިނަ ފަހަރަށް ކުރިއަށް ދާނެ މަގު ވެސް ހޯދަން ގިނަ ފަހަރަށް ވަރަށް އުނދަގޫ ކަންކަން. އަޅުގަނޑު ގާއިމްކޮށްދޭނަން ނިޒާމެއް މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އިދާރީ އިންތިޒާމު ހަމަޖަައްސައިދޭނެ ނިޒާމެއް," ނޫރުބާން ވިދާޅުވި އެވެ.
ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރެއްވިނަމަވެސް އަންހެނުންގެ ކުރިއެރުމަށް ނޫރުބާން އަބަދުވެސް މަސައްކަތް ކުރައްވަ އެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި ނޫރުބާން ވަނީ އަންހެނުންގެ ހައްގުތަކާ ގުޅޭ މުހިންމު މަސައްކަތްތަކެއް ވެސް ކުރައްވައިފަ އެވެ. ވިމެން އޮން ބޯޑު ފަދަ ޖަމިއްޔާތަކުގެ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ އަހަރުތަކެއް ވަނީ ހޭދަކުރައްވައިފަ އެވެ.
އޭނާގެ ލީޑަޝިޕްގެ ދަށުން އެންމެ ކުރަން ބޭނުންވާ އެއް ކަމަކީ ވެސް މި ދާއިރާގައި އަންހެނުންތަކެއް ބިނާކުރުމެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ސިޔާސީ ދާއިރާގައި ހިދުމަތް ކުރައްވާ މަދު އަންހެން ލީޑަރުންގެ ފަރާތުން އެއީ ނުފެންނަ ސިފަ އެކެވެ. އެކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ. ނޫރުބާން ވާނީ އެކަން ބަދަލުކުރާ, އަންހެނުން ބާރުވެރިކުރަން މަސައްކަތް ކުރާ ލީޑަރަކަށް ކަމަށް އޭނާ ވިދާޅުވެ އެވެ.
"އަޅުގަނޑުގެ ކިބައިން ތަމްރީނު ލިބިގަތުމަށް ވާހަކަ ދެއްކުމުގައި ވިޔަސް ލީޑާޝިޕްގައި ވިޔަސް, ސިޔާސީ ކަންކަމުގައި ވިޔަސް، އަޅުގަނޑާއެކު ގާތުން މަސައްކަތްކޮށް ތަމްރީނުވުމަށް، ފުރުސަތު ހުޅުވާލައިގެން އަޅުގަނޑުގެ ދާއިރާއަށް ވަކިން ހާއްސަކޮށް ޒުވާން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރާނަން. ގަލޮޅު އުތުރު ގޮނޑި އަޅުގަނޑަށް ކާމިޔާބުވުމަށްފަހު، އަޅުގަނޑުގެ ފަރާތުން ބާރުވެރި އަންހެނުންތަކެއް އުފެއްދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން," އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވާނަން މިސާލު ދައްކާ ނަމޫނާ އަންހެން ލީޑަރަކަށް. އަޅުގަނޑުގެ ފަހަތުގައި, އަޅުގަނޑާ އެއްކޮށް އަޅުގަނޑަށް ވުރެ ވެސް ކުރިއަރައިގެނެ ފެންވަރު، ގާބިލު އަންހެން ލީޑަރުންތަކެއް އުފައްދާ މީހަކަށް އަޅުގަނޑު ވާނަން."
މިއީ އަބަދުވެސް ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ކުރަން އުނދަގޫ ގޮނޑިއެކެވެ. އެކަން ނޫރުބާން ވެސް ގަބޫލުކުރައްވަ އެވެ. ނޫރުބާން ދެކޭ ގޮތުގައި އޭނާއަކީ މިހާރު ހުންނެވި މެންބަރާ ކުރިމަތިލައި ވާދަކޮށް ކާމިޔާބު ހޯދޭނެ ވަރުގެ މީހެކެވެ.
"މިއަދު ގަލޮޅު އުތުރު ދާއިރާއަށް ބޭނުންވަނީ ތަފާތު ވިސްނުމާ ތަފާތު ތަސައްވުރެއް. އެކަން ގެނެސްދިނުމަށް ދާއިރާގެ ރައްޔިތުންނަށްޓަކައި އެ ރައްޔިތުންގެ އަޑު އިއްވާނެ މީހެއްގެ ގޮތުގައި އަޅުގަނޑު ކުރިމަތިލައިގެން މިހުރީ, ދާއިރާގެ ރައްޔިތުން ބޭނުންވަނީ ފްރެޝް ބޭފުޅެއް," އޭނާ ވިދާޅުވި އެވެ.
މިހާތަނަށް އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކުން ވެސް އޭނާއަށް އިވިފައި ވަނީ އެ އަޑެވެ; ތިން ދައުރު މަޖިލީހުގައި އިންނަވައިގެން ވެސް ދާއިރާގެ ރައްޔިތުންނަށް ކުރިއެރުމެއް ނައި ވާހަކަ އެވެ. އިތުރު އަމިއްލަ އެޖެންޑާއަކުން މަސައްކަތް ކުރާ ވާހަކަ އެވެ.
ނޫރުބާން ގަބޫލުކުރައްވާ ގޮތުގައި އެއްވެސް މީހަކު މަގާމެއްގައި މާ ގިނަ ދުވަސްވެގެންދާ ނަމަ އޭނާގެ އަމާޒާއި މިސްރާބު އޮޅިގެން ދާނެ އެވެ. ގަލޮޅު އުތުރު ގޮނޑިން ވެސް މިއަދު ފެންނަނީ އެ މަންޒަރެވެ. އޭނާ ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރުމުގެ ބަދަލުގައި މެންބަރުގެ ފަރާތުން ފެންނަނީ ވަކި ބޭފުޅެއްގެ މަސްލަހަތުގައި މަސައްކަތް ކުރައްވާތަނެވެ.
"ރައްޔިތުންގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތަށް ވުރެ ކެނެރީގެ އަށް ވެރިކަން ގެންދެވޭނެ ގޮތްތަކެއް ހޯއްދަވަން އެ ދާއިރާގެ މެންބަރު މަސައްކަތް ކުރާތަން ފެނޭ. އެ ބޭފުޅުން އިސްސަފުގައި ތިއްބަވައިގެން ޑިމޮކްރެސީ ގެނައުމަށް މަސައްކަތް ކުރައްވާފައި 30 އަހަރުގެ ދިގު ވެރިކަން ބަދަލުކުރުމަށް ވަކާލާތުކޮށްފައި އެކަމަށްޓަކައި ރައްޔިތުންގެ މަޖިލިސް ވެސް ހިސޯރު ކުރީމާ ގައުމަކަށް ކުރިއެރުމެއް ހަމަޖެހުމެއް ނާންނާނެ," ނޫރުބާން ވިދާޅުވި އެވެ.
ސަރުކާރަށް ވާގިވެރިވެގެން ރައްޔިތުންގެ މަސްލަހަތުގައި ރައްޔިތުންގެ ހައްގު ކުރިއެރުވުމުގެ އަޒުމުގައި މުޅިން އާ, ތަފާތު ތަސައްވުރަކާއެކު ނޫރުބާން ގަލޮޅު އުތުރު ދާއިރާގެ ޕްރައިމަރީއަށް ނުކުތީ ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާތީ އެވެ. އޭނާގެ އެދުމަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރުންގެ އެއްބާރުލުމާއި ތާއީދު މި ކަމުގައި ދެއްވުމެވެ.
ނޯޓް: މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.