15 ޑިސެމްބަރ 2023 - 19:45

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މި މަހު 23 ގައި ބާއްވަން ނިންމި ޕްރައިމަރީ ޖެނުއަރީ މަހަށް ފަސްކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހަކީ ސްކޫލް ޗުއްޓީ ދުވަސްވަރަށް ވާތީ ވަރަށް ގިނަ ބަޔަކު އެކި ބޭނުންތަކަށް ގައުމުން ބޭރަށްދާތީ، ޕްރައިމަރީ ފަސްކޮށްދިނުމަށް އެދެމުންދާ ކަމަށެވެ.
އެހެންވެ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ޕްރައިމަރީ ފަސްކޮށްފައިވާ ކަމަށް އިއުލާންގައިވެ އެވެ. އެ ޕާޓީން އެންމެ ފުރަތަމަ ނިންމާފައި އޮތީ ވެސް ޕްރައިމަރީ ޖެނުއަރީ މަސް ތެރޭ ބާއްވާށެވެ.
ޕްރައިމަރީއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު ނަންތައް އަންނަ ހަފުތާ ތެރޭ އިއުލާންކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހަށް ހަމަވިއިރު، ގިނަ އަދަދެއްގެ ބަޔަކު ފޯމް ހުށަހަޅާފައިވެ އެވެ.
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ބާއްވަނީ އެމްޑިއޭ އާއި އެމްއެންޕީ ވެސް ބައިވެރިކޮށްގެންނެވެ. އެ ދެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކަށް އެ ޕާޓީގެ އާންމު މެންބަރުންނަށް ވެސް ވޯޓު ލެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފަ އެވެ.
ޕްރައިމަރީއަށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލީއިރު، އެމީހުންނަށް ތާއިދު ކުރާ ގިނަ ބަޔަކު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީއެންސީއާ ގުޅިފަ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 10،000 އިން މައްޗަށް އަރައިފަ އެވެ.