16 ޑިސެމްބަރ 2023 - 09:33

ސިޔާސީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ނޫޅުނަސް، ނައްވާރު އިބްރާހިމް އުޅެބޮޑުވީ "ސިޔާސީ" މައިދާނުގަ އެވެ. ދެ ފަރާތުގެ ކާފަ އަދި ބޮޑުބެއަކީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންނެވެ. އަދި އޭގެ ފަހުން ދާއިރާތައް ބަހާލިއިރު ހޮޅުދޫ، މިލަދޫ، މަގޫދޫ ހިމެނޭ ހޮޅުދޫ ދާއިރާގެ މެމްބަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވީ ނައްވާރުގެ ބޮޑުބެ އެވެ.

އެހެންވެ، އެ އާއިލާގެ ފަރާތުން ލިބިފައިވާ އަދި ލިބެމުންދާ ތަޖުރިބާގައި، އުމުރުން 25 އަހަރުގެ ނައްވާރު، ބައްޕަގެ އުފަން ރަށް، ހޮޅުދޫ ހިމެނޭ ހޮޅުދޫ ދާއިރާގެ މަޖިލިސް ގޮނޑި އަށް މި ފަހަރު ނުކުތީ ޒުވާނުންގެ އަޑުއިއްވައި ދިނުމަށެވެ.

އޭނާ ބުނި ގޮތުގައި ސިޔާސީ ދާއިރާ އަށް އަދި ހާއްސަކޮށް މަޖިލީހަށް ޒުވާނުން ކުރިމަތިނުލަނީ އެތައް ވަގުތަކާއި ފައިސާއެއް ހަރަދުކޮށްފައި ވެސް ފެއިލްވާން ބޭނުން ނުވާތީ އެވެ. އެކަމަކު، އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބާއްވާ އިންތިހާބުން ނައްވާރު ދައްކައިދޭން ބޭނުންވަނީ، ސިޔާސީ ދާއިރާގައި ޒުވާނުންނަށް ފުރުސަތު އޮތްކަމާއި މިއީ ވާނެ ކަމެއް ކަމެވެ.

"ބަދަލެއް ބޭނުންވަންޏާ އަސްލު މިކަމައިގެން އުޅެގެން ވާނީ. އެހެންވީމަ، ކޮންމެ ވެސް ހިސާބަކުން އެބަ ފަށަންޖެހޭ. އެއީ ކައުންސިލުން ވިޔަސް، މަޖިލީހުން ވިޔަސް. އެ ބޭފުޅަކަށް ލިބޭ ފުރުސަތަކައިގެން ކުރިއަށް ގެންދަންވީއޭ." ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް ވައިކަޓޯ އިން ބިޒްނަސް އެނެލިސިސްގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ނައްވާރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުރާ ކޮންމެ ކަމެއްގައި ވެސް މަސައްކަތްކުރަނީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓެއް ގެނެވޭތޯ އެވެ. ކުރާ ކޮންމެ ކަމެއް ދެމެހެއްޓެނިވި ގޮތަށް ކުރުމަކީ ނައްވާރު ސިފަކުރި ގޮތުގައި، އޭނާގެ ގައިގައި ހަރުލާފައިވާ ސިފައެކެވެ. އެހެންވެ، މަޖިލީހުގެ ތެރެއިން ވެސް މަސައްކަތްކުރައްވާނީ ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާއަކަށް ކަމަށް ބުންޏެވެ.
"އާއިލާގެ މީހުންގެ ވާހަކަތަކުން ވަރަށް ގިނަ ކަންކަން ދެނެގަނެވިއްޖެ. މަޖިލިސް ކުރިއަށްދާންވީ ގޮތާއި ކިހިނެއްކަން ކުރިއެރުވޭނީ. ދިރާސާކުރެވިއްޖެ ވަރަށް އަހަރުތަކެއްގެ ތެރެއިން. މަޖިލިސް ހިނގަނީ ކިހިނެއްކަމާއި ސަކަރާތްކޮށް ދާ ދުވަސްވަރު ކިހިނެއްކަން މި ދަނީ. އެ ހުރިހާ ތަޖުރިބާއާއެކު މި ދަނީ." އޭނާ ބުންޏެވެ.
ހޮޅުދޫގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. ނައްވާރު ވެސް ބޭނުން ވަނީ މި ޖީލު ކުރިއަރުވަން ކަމަށާއި އެކަން ކުރެވޭނީ ޒުވާނަކު އިސްނަގައި، ކުރިމަތިލައިގެން ކަމަށް އޭނާ ބުންޏެވެ.
ސްކޫލުގައި ކިޔެވިއިރު ވެސް އިތުރު ހަރަކާތްތަކުގައި އިސްކޮށް އުޅުނު ނައްވާރު ވަނީ ދި ޔޫތު މޫވްމަންޓުގެ ހަޒާންދާރުކަން ކޮށްފަ އެވެ. އޭގެ އިތުރުން ސްކޫލު ދައުރުގައި ނައްވާރަކީ ފެތުމާއި ބާސްކެޓް ބޯޅައިގެ އަލިގަދަ ތަރިއެކެވެ. އޭގެ ފަހުން، މަތީ ތައުލީމް ހާސިލްކުރުމަށްފަހު، ޓްރައިމެކްސް އިންޓަނޭޝަނަލްގެ ނަމުގައި ކޮންސްޓްރަކްޝަން ކުންފުންޏެއް އުފައްދައި، ނައްވާރު އަންނަނީ ހުޅުމާލޭގައި އެޕާޓްމަންޓުތައް ތަރައްގީކުރާ އެންޕީއެޗްގެ ޑިވެލޮޕްމަންޓްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރުކަން ކުރަމުންނެވެ.
ނޯޓް: މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.