11 ފެބުރުއަރީ 2017 - 10:52

ވޮޝިންޓަން (ފެބްރުއަރީ 11) - މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް އާ އަމުރެއް ނެރޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިފަދަ އިޝާރާތެއް ދެއްވާފައި މި ވަނީ މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ނެރުނު އަމުރަށް ގާނޫނީ މައްސަލަތައް ކުރިމަތިވެ އެންމެ ފަހުން އިސްތިއުނާފް ކޯޓުން އެ އަމުރު ހުއްޓުވާފައި ވަނިކޮށެވެ. އެއާ ފޯސް ވަންގައި ދަތުރު ކުރި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އާ އަމުރެއް ހޯމަ ނުވަތަ އަންގާރަ ދުވަހު ނެރޭނެ ކަމަށެވެ. އާ އަމުރާ ގުޅޭ ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ.
އާ އަމުރެއް ނެރުއްވަން ޓްރަމްޕް އުޅުއްވި ނަމަވެސް އިސްތިއުނާފް ކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ނުގެންދާނެ ކަމަށް ވައިޓް ހައުސް އިން ނުބުނެ އެވެ. ޓްރަމްޕް ވެސް ވިދާޅުވީ ގާނޫނީ ގޮތުން "މިކަން" ކާމިޔާބު ކުރައްވާނެ ކަމަށެވެ. ހަމައެކަނި ދެރަ ތަންކޮޅަކަށް އޮތީ އެކަމަށް ވަގުތު ނެގުން ކަމަށް ވެސް ވިދާޅުވި އެވެ.
ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުމުގައި އޮތް ނުރައްކަލެއް އެމެރިކާ ސަރުކާރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އިސްތިއުނާފް ކޯޓުގެ ނިންމުމާ އެކު އީރާން، އިރާގު، ލީބިއާ، ސޮމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަން މީހުން ސައްހަ ވިސާއާ އެކު ކުރިއެކޭ އެއްގޮތަށް އެމެރިކާ އަށް ދަތުރު ކުރެވޭނެ އެވެ.