ތިން މަސް ތެރޭ ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށްފި
ތިން މަސް ތެރޭ ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފުކޮށްފި

ގަވައިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 16 އާ ހަމައަށް ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދީފި އެވެ.

މި ޖޫރިމަނާގެ އަދަދު 2.8 މިލިއަނަށް އަރަ އެވެ.

ޕާކް ކުރާނެ ތަނެއް ނުދައްކާ ޕާކިން ސްޓިކާ މިދިޔަ ސަރުކާރުން ޖަހަމުންދާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ވަނީ އެ ޖޫރިމަނާތައް މާފުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ވެސް އޮތީ ހިމަނައިފަ އެވެ.

މިދިޔަ ސަރުކާރުން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ދުވަހާ ހަމައަށް ހުރި ޕާކިން ޖޫރިމަނާތައް މާފުކޮށްދީފަ އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ ސެޕްޓެމްބަރު 5 ވަނަ ދުވަހުން ފެށިގެން މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަސް ކަމަށްވާ ނޮވެމްބަރު 16އާ ހަމައަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާތަކެއް މާފުކޮށް ދެއްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

މި ސަރުކާރުން މާފުކުރަން ނިންމި 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ މިއަދުން ފެށިގެން މާފުވެގެންދާނެ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ވެސް ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގައި ހިމަނާފައިވާ ކަމަށެވެ. ފިރުޒުލް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އާ ޕާކިން އިމާރާތްތަކެއް އަޅަން ކުރަން ޖެހޭ މަސައްކްތަތައް ކުރިއަށްދާ ކަމަށެވެ.