ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާއަށް އަންގައިފި
ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާއަށް އަންގައިފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވެފައިވާ ރާއްޖޭގެ ހައިޑްރްގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާ ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހިމެނޭ "ހަފްތާ 14" ގެ ފުރަތަމަ ހަތަރު ހަފްތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތަފްސީލް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރްޒުލް ވިދާޅުވީ މިއީ ބޭރު ގައުމުތަކާ އެކު ހަދާފައި ހުރި، ގައުމީ ސަލާމަތަށް ނުރައްކާ ފަދަ އެއްބަސްވުންތައް އުވާލުމާ ގުޅޭ ވައުދުގައި ހިމެނޭ ކަމެކެވެ.

ފިރްޒުލް ވިދާޅުވީ މި އެއްބަސްވުން ހަދާފައި އޮތީ ޖޫން 7، 2024 ގައި މުއްދަތު ހަމަވާ ގޮތަށް ކަމަށާއި މި އެއްބަސްވުން އާކުރަން ބޭނުން ނުވާ ނަމަ އޭގެ ހަ މަސް ދުވަހުގެ ކުރިން އަންގަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އެއްބަސްވުން އޮތީ އިތުރު ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވަނީ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާކަން އިންޑިއާއަށް އެކަން ހިއްސާ ކުރެވިފައި. މި ނިންމުން ގުޅިފައިވަނީ އަޅުގަނޑުމެންގެ ކަނޑުފަޅުގެ މައުލޫމަތަކީ ޒަމާނުންސުރެ އަޅުގަނޑުމެންގެ ރައުސުލްމާލެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސިއްރެއްގެ ގޮތުގައި ދެކި އެގޮތަށް އަމަލު ކުރެވެމުން އައީ ހާއްސަ މައުލޫމާތުތަކެއް،" ފިރުޒުލް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ސިޔާސަދާއި މިނިވަންކަން ހިމާޔަތް ކުރުމަށް އެންމެ ފަހިވެގެންވާނެ ގޮތަކީ އެ ގާބިލްކަން ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި އިތުރުކޮށް އެ ގޮތުގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދިޔުން. އެކަމުގައި އެހެން އެއްވެސް ބައެއްގެ ބައިވެރިވުން ނުބޭއްވުން."

ރާއްޖޭ ކަނޑުފަޅުގެ ސާވޭ ކުރުމަށް ހަދާފައިވާ މި އެއްބަސްވުން އާ ނުކުރަން ނިންމީ ރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތަކީ ހަމައެކަނި ދިވެހިންނާ ހިއްސާކުރާ ކަމަކަށް ވާތީ ކަމަށެވެ. މިފަދަ ސާވޭތައް ކުރުމުގެ ގާބިލްކަން އެމްއެންޑީއެފްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. މި އެއްބަސްވުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެއްބަސްވުމެއް ކަމަށް ވިޔަސް، އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ މިއީ ކުރީގެ ސަރުކާރުތަކުން ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.

އިންޑިއާގެ ހައިޑްރޮގްރަފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ހައިޑްރޮގްރަފީ ސާވޭއެއް ހެދުމުގެ މަސައްކަތް ފަހުން ފެށީ ޖެނުއަރީ 2021 ގަ އެވެ. އަދި މިހާރުވެސް އެކި ބައިތަކަށް ބަހާލައިގެން އަންނަނީ މި މަސައްކަތް ކުރަމުންނެވެ. ސާވޭ ފެށުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިދްފާ ނައީމް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ 2019 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި މި މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަސައްކަތުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތޯ ކުރި ސުވާލުތަކަށް އެމްއެންޑީއެފުން އޭރު ބުނީ ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި މިއީ އަތޮޅުތެރޭގެ ފަރުތައް ހުރިގޮތް ދެނެގަންނަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފައިދާ ވާނީ ދިވެހި ދަތުރުވެރިންނަށް ކަމަށް ވެސް ބުންޏެވެ.

މިދިޔަ ސަރުކާރުން ރައީސް ވަނީ ހައިޑްރޮގްރަފިކް ސާވިސް އުފައްދައި އެ އިދާރާ ޑިފެންސް މިނިސްޓްރީގެ ދަށަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިފަ އެވެ. މިގޮތަށް މަޖިލީހުން ފާސްކުރި އިރު އެކަމާ ގުޅޭ ގޮތުން ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީ އަށް ގެނެސް ދިރާސާ ވެސް ކޮށްފަ އެވެ. ޑިފެންސް މިނިސްޓްރީން އޭރު ބުނީ އެ ސާވޭގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތަކަށް އެހީއަކަށް ވާނެ ކަމަށާއ ދޯނި ފަރަށް އެރުން ފަދަ ކަންކަން މަދުކުރުމާއި އެންމެ ރަނގަޅު ރޫޓް ކަނޑައެޅުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ.