14 ޑިސެމްބަރ 2023 - 11:26

އަންނަ އަހަރުގެ ފެބުރުއަރީއަށް 500 އަށް ވުރެން ގިނަ ފްލެޓް ނިންމައި ހަވާލު ކުރެވޭނެ ކަމަށާއި އަހަރު ނިމެންވާ އިރަށް ބާކީ ހުރި ފްލެޓްތައް ވެސް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" މޮކް-އަޕް ދައްކާލަން ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް ޝަކީލު ވިދާޅުވީ ފުރަތަމަ ހަތަރު ޓަވަރު އަންނަ އަހަރުގެ ފެބުރުއަރީ އަށް ނިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓަވަރުތަކުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަދު މަސައްކަތްތަކެއް ކަމަށާއި ނިމުނުހާ އަވަހަކަށް އެތަންތަން ހަވާލުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ސްޕީޑު އަވަސް ކުރަން މިހާރު ވަނީ ބައެއް ކަންކަމަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.
"ޓަވަރުތައް ނިމޭ ވަރަކުން ރިސޯސަސް ދެން ހުރި ޓަވަރުތަކަށް ޑައިވާޓް ކުރަމުން ދާނީ. ޕްލޭނަކީ ހުރިހާ އެއްޗެއް މަޑުމަޑުން ގެންދިއުމުގެ ބަދަލުގައި އަވަހަށް ފްލެޓްތައް ނިންމާލައި މީހުންނަށް ބަދަލުވެވޭނެ ގޮތް ހެދުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީއަށް ފަހު، ކޮންމެ ދެ މަހަކުން ފްލެޓެއް ނިންމައި ހަވާލުކުރެވޭނެ އެވެ.
"އަޅުގަނޑުގެ އަމާޒަކީ [އަންނަ އަހަރު] ޑިސެމްބަރު 31ގެ ކުރިން 32ޓަވަރު ނިންމާލުން،" އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ، ފްލެޓްތައް އަޅަން ލޮޖިސްޓިކަލް އުނދަގޫތައް ވެސް ހުރުމުން އެކަންކަން ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ނިމޭ ހަތަރު ޓަވަރު ހަވާލުކޮށްފައި ވަނީ ޖޭއެމްސީ ކުންފުންޏާ އެވެ. އަދި އެންބީސީސީއާ ހަވާލުކޮށްގެން ހަދާ ފްލެޓްތަކުގެ ތެރެއިން 600 ފްލެޓް އަންނަ އަހަރުގެ މެދު ތެރެއަށް ނިމޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.