14 ޑިސެމްބަރ 2023 - 07:21

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެފްއެންޑްބީގެ އާ އައުޓްލެޓްތަކެއް ހުޅުވައިފި އެވެ.

ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓްގެ މި އައުޓްލެޓްތައް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.

މި ތަނުގައި ގްރޭޕް އެކްސްޕެކްޓޭޝަންއިން ހުޅުވީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑް "ދަ ގްރޭޕް"އެވެ. މިއީ މި ކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓް އެވެ. އެޗްއެމްއެސްހޯސްޓް އިން ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ އަދި ގްރެބް އެންޑް ފްލައި ނަމަކަށް ކިޔާ އައުޓްލެޓްތަކެކެވެ.
މި ދެ ކުންފުންޏަކީ ވެސް 2018 އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރަންޓް ހިންގަމުން އަންނަ ދެ ކުންފުންޏެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޑިޕާޗާ ފޯކޯޓްގައި މި ތަން ހުޅުވީ ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ކަމަށެވެ.