ބިލްތަކުގެ ބަހުސް ފަށާ މުއްދަތު ތިން ދުވަހަށް ކުރުކޮށްފި
ބިލްތަކުގެ ބަހުސް ފަށާ މުއްދަތު ތިން ދުވަހަށް ކުރުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި، އިބްތިދާއީ ބަހުސް ފަށަންޖެހޭ މުއްދަތު ތިން ދުވަހަށް މަދުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، ކޮންމެ ބިލެއްގެ ވެސް ފުރަތަމަ ކިޔުން އިއްވައި، ބިލު މަޖިލިހަށް ތައާރަފުކޮށް، އެ ބިލެއްގެ އިބްތިދާއީ ބަހުސް މަޖިލީހުގެ ރައީސަށް ބޭއްވޭނީ ހަތް ދުވަހުގެ ނޯޓިސް މެމްބަރުންނަށް ދިނުމަށް ފަހު އެވެ.

ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރު ކުރެވެނީ، މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުގެ ލަފާގެ މަތިންނެވެ.

އެހެންވެ، އެކަމާ ގުޅިގެން ބިލުތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ބިލެއްގެ އިބްތިދާއީ ބަހުސް ފެށުމަށް މެމްބަރުންނަށް ދޭން ޖެހޭ ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރުކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފަ އެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނީ މަޖިލީހަށް ހުށަހަޅާ ބިލަކަށް ބަހުސް ކުރަން މެމްބަރުން ތައްޔާރުވުމުން، ތިން ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތު ކުރުކުރުމަކީ ބިލުތަކުގެ މަސައްކަތް އަވަސް ވާނެ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

އާންމު ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.