އާ މަޖިލީހާ ފުށުއަރާތީ ދައުރުތަކުގެ މުއްދަތު ބަދަލުކޮށްފި
އާ މަޖިލީހާ ފުށުއަރާތީ ދައުރުތަކުގެ މުއްދަތު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު މިހާރު ބެހިފައިވާ ގޮތުން، އަންނަ މަޖިލިސް ފެށޭ ދުވަހާ ފުށުއަރާތީ، ތިން ދައުރުގެ މުއްދަތު ބަދަލުކުރަން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން 2021 ބަދަލުކުރުމުން، ސްކޫލް ޗުއްޓީ އާ އެއްގޮތް ކުރަން މަޖިލީހުން ވެސް ވަނީ މަޖިލިސް ޗުއްޓީއަށްދާ ގޮތަށް ބަދަލު ގެނެސްފަ އެވެ.

އޭރު ގަވާއިދު އިސްލުކުރީ، ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް، ދެވަނަ ދައުރު މެއި 16 އިން ޖޫން މަހުގެ ނިޔަލަށް އަދި ތިން ވަނަ ދައުރު އޯގަސްޓު 16 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ހިނގާ ގޮތަށެވެ.

އެކަމަކު، ގާނޫނުއަސާސީގައި ބަޔާންކުރާ މި ހިނގާ 19 މަޖިލީހުގެ ފަސް އަހަރުގެ އުމުރު މެއި 27 އަށް ހަމަވާ އިރު، މި މަޖިލީހުގެ އުމުރު ހަމަވާ ތާރީހު ދިމާވަނީ ދެވަނަ ދައުރުގެ މެދުތެރެއަށް ކަން މަޖިލީހުގެ އިދާރާއިން ވަނީ މަޖިލީހުގެ އާންމު ކޮމިޓީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އަދި އަލަށް އިންތިހާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ އިދާރީ އިންތިޒާމުތައް ބޭއްވުމަށް ދަތިވުމުގެ އިތުރުން، މަޖިލީހެއްގެ ދައުރު ނިމޭ އިރު، އޭރު މަސައްކަތް ކުރެވެމުންދާ ބިލުތައް ވެސް ބާތިލުވާނެ ކަން މަޖިލީހުގެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އާންމު ކޮމިޓީން ވަނީ މަޖިލީހުގެ އިދާރާގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް ދައުރުތައް ފެށޭ ތާރީހުތަކަށް ބަދަލު ގެނެސްފަ އެވެ.

ކޮމިޓީން ގަވާއިދު އިސްލާހުކުރީ، ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން މެއި 15 އަށް، ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓު 15 އަށް އަދި ތިން ވަނަ ދައުރު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

އެ ގޮތަށް ބަދަލުކުރުމުން، އަލަށް އިންތިހާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީހު ދިމާވާނީ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީގައި އޮންނަ މުއްދަތުގެ ތެރެއަށެވެ.

އާންމު ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން އެ އިސްލާހު ފާސްކޮށްފައި ވަނީ އެ ކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.