13 ޑިސެމްބަރ 2023 - 14:37

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގާ ސަލާހުއްދީން ސްކޫލުގައި ކިޔަވާ ދަރިވަރަކަށް އެ ސްކޫލުގައި ކިޔަވާ އެހެން ދަރިވަރުންތަކެއް ބުލީކުރި ކަމަށް ބުނާ މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސަލާހުއްދީން ސްކޫލުގައި ދަރިވަރަކަށް ބުލީކުރި ކަމަށް ބުނާ މައްސަލަ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ ދަރިވަރަކީ ސަލާހުއްދީން ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ކުއްޖެއް ކަމަށެވެ. އެ ދަރިވަރަށް ތިން ކުއްޖަކު ބުލީ ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ބެލެނިވެރިންނަށް ކުއްޖާގެ ފަރާތުން ތަފާތުތަކެއް ފާހަގަވެ، އެކަން ކްލާސް ޓީޗަރުގެ ސަމާލުކަމަށް ގެނައި ނަމަވެސް "އެއީ ހައިޕާ އެކްޓިވް ކުދިންތަކެއް ކުރާ ކަމެއް" ކަމަށް ބުނެ އެ މައްސަލަ ނުބެލި ކަމަށް ބެލެނިވެރިޔާއާ ހަވާލާދީ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެކަން ތަކުރާރުވަމުން ގޮސް އިއްޔެ ކުއްޖާ ސްކޫލުން ގެއަށް ދިޔައިރު ބޯކޮށާލައި ޔުނީފޯމުގެ ސޯޓުގެ ކުރިމަތި، ކަތުރުން ކަފައިލާފައި ހުރި ކަމަށް ކުއްޖާގެ މަންމައާ ހަވާލާދީ އޭގައިވެ އެވެ.
ބުލީގެ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ފަހުން ދަރިފުޅާ ވާހަކަ ދެއްކުމުން އެ ކުދިން ކުރި ކަންކަން ކިޔައިދިން ކަމަށާއި ސްކޫލަށް ގެންދާ ފެންފުޅީގައި އެ ކުދިން ދޫލާތީ ފެން ނުބޮއި ހުންނަ ކަމަށް ކުއްޖާ މަންމަ ކިޔައިދީފައިވެ އެވެ. އަދި ފޮތް ފަންސޫރު/ކުލަ ގެއަށް އަންނަ އިރު ބިންދާފައި ހުރުން ކަހަލަ ކަންކަން ވެސް ކޮށްފައި ހުންނަ ކަމަށް ކުއްޖާގެ މަންމަ ބުނެފައި ވެ އެވެ.
އެކަން ސްކޫލު ޕްރިންސިޕަލާއި ކުއްޖާގެ ޓީޗަރުންގެ ސަމާލުކަމަށް ގެނައުމުން ކްލާސް ޓީޗަރުން ކުއްޖާގެ ވާހަކަ ދޮގުކުރި ކަމަށާއި އެއީ އެ ކުއްޖާ އަމިއްލަ އަށް ކުރި ކަމެއް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށް ވެސް ވެ އެވެ.
ނަމަވެސް އެ ކުއްޖާ ހަދަނީ ދޮގު ކަމަށް ގަބޫލުކުރެވޭ ގޮތަށް ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް ވެސް ވާހަކަދެއްކި ކަމަށް ވެއެވެ. ޕޯސްޓުގައި އިތުރަށް ބުނީ، އެ ކުއްޖާގެ ބެލެނިވެރިން އަނބުރާ ގެއަށް އައިތަނާ ބުލީ ކުރި ކުއްޖެއްގެ ބެލެނިވެރިއެއް ގުޅި ކަމަށާއި އޭނާ ވަރަށް ރީތިކޮށް ވާހަކަދައްކައި މާފަށް އެދުނު ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެ އެވެ. އަދި އެކުއްޖާގެ ބޯކޮށާލި ކަމަށް އެ ކުއްޖާ އެ ބެލެނިވެރިޔާ ގާތު ބުނި ކަމަށް ވެސް އެމީހާ ގުޅާފައި ބުނި ކަމަށް ވެއެވެ.
އެކޯލް ރިކޯޑިން ހިފައިގެން ޓީޗަރަށާއި ޑެޕިއުޓީ ޕްރިންސިޕަލަށް އަޑު އިއްވުމުން ޓީޗަރު އެކަމުގައި އެއްޗެއް ބުނެފައި ނުވާއިރު އެކަމުގައި ޑެޕިއުޓީ ޕްރިންސިޕަލް ވަނީ ކޮންމެ އެއްޗެއް ރިކޯޑު ކުރަނީ ކީއްވެތޯ ސުވާލުކޮށްފައި ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެ އެވެ.
މި ޕޯސްޓްގައި ހިމެނޭ ވާހަކަތަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންތޯ ދެންނެވުމުން ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މި މައްސަލާގައި ވާހަކަ ދައްކާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.
ސްކޫލްތަކުގައި ހިންގާ އެފަދަ ބުލީ ކުރުންތަކުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޓީޗަރަށާއި ޕްރިންސިޕަލަށް ވެސް ފާޑުކިޔަމުންނެވެ.