އިތުރު 300 މިލިއަން ހިމަނައި، 49.8 ބިލިއަންގެ ބަޖެޓު ފާސްކޮށްފި
އިތުރު 300 މިލިއަން ހިމަނައި، 49.8 ބިލިއަންގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް 300 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. ޕީއެސްއައިޕީ އަށް ވަނީ 249 މިލިއަން ރުފިޔާ އިތުރުކުރި އެވެ. އެއާ ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި ބަޖެޓު ވަނީ 8.6 ބިލިއަން ރުފިޔާ އިން 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ބާކީ ބަޖެޓަށް އިތުރުވީ، ބައެއް އޮފީސްތަކުގެ ބަޖެޓެވެ.

ކޮމިޓީން އިތުރުކުރި ގޮތަށް މަޖިލީހުގެ މިއަދު ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައިވަނީ އެ ކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓު ހުށަހެޅި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަން ހައްލު ކުރުމަށް ޕްލޭން ކޮށްފައިވާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ، ކ. ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

އެކަމަކު ބަޖެޓު ކޮމިޓީ އާއި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަނީ އެ ފައިސާ ހޯދާނެ ގޮތެއް ބަޔާންކޮށްފައި ނެތް ކަމަށް ބުނެ އެ މަޝްރޫއު ބަޖެޓުން އުނިކޮށްފަ އެވެ.

އެ ފައިސާ ބަޖެޓުން އުނިކުރުމުގެ ބަދަލުގައި އެމްޑީޕީން އިސްވެ ވަނީ، ފުށިދިއްގަރު ހިއްކުމުގެ 400 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގައި ކުރީގެ ސަރުކާރުން ހިންގި ގެދޮވެރިޔާ ސްކީމު ނިންމުމަށް ކަނޑައަޅާފަ އެވެ. އަދި ބާކީ 200 މިލިއަން ރުފިޔާ ކަނޑައެޅީ އަތޮޅުތެރޭގެ ޕީއެސްއައިޕީއަށެވެ.

ފުށިދިއްގަރުފަޅު ހިއްކުން އުނިކުރީ، މާލެ ސަރަހައްދަށް މުޅިން އާ މަޝްރޫއެއް ފެށުމުގެ ބަދަލުގައި، ކުރީގެ ސަރުކާރުގެ ގެދޮވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން ބިން ހިއްކައިގެން ބޯހިޔާވަހިކަން ދިނުމުގެ މަޝްރޫއު ނިންމުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

- ޖުމްލަ ބަޖެޓު: 49.8 ބިލިއަން ރުފިޔާ

- އާމްދަނީ: 33.5 ބިލިއަން ރުފިޔާ

- ޕީއެސްއައިޕީ: 8.9 ބިލިއަން ރުފިޔާ

- ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ

މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ.