އާބަންކޯ އިން ދެ ލޯނަކަށް 200 މިލިއަން ނަގައިފި
އާބަންކޯ އިން ދެ ލޯނަކަށް 200 މިލިއަން ނަގައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާބަންކޯ އަށް ދެ ލޯނަކަށް 200 މިލިއަން ރުފިޔާ ނަގައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން ރުފިޔާ އިން އަދި ޑޮލަރުން ވަނީ ލޯނެއް ނަގައިފަ އެވެ.

ދިވެހި ރުފިޔާ އިން 100 މިލިއަން ރުފިޔާ ނެގި އިރު ޑޮލަރުން ވަނީ 6.5 މިލިއަން (100.2 މިލއިަން ރުފިޔާ) ނަގައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު 20 ގައި އެ ދެ ލޯނު ނެގީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެރެންޓީ ދީގެންނެވެ.

- ލޯނުގެ އިންޓްރެސްޓް ރޭޓު: ހަތް ޕަސެންޓް

- ލޯނު އަނބުރާ ދެއްކުމަށް: 2025 އަހަރު

- ޕްރޮސެސިން ފީ: އެއް މިލިއަން ރުފިޔާ

- ޖުމްލަ އަނބުރާ ދައްކާ އަދަދު: 111.3 މިލިއަން ރުފިޔާ

ޑޮލަރުން ނެގި ލޯނު ނެގީ 7.6 ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެވެ. އެ ލޯނުގެ އިތުރު ތަފްސީލުތަކުގައި މައްސަލައެއް އުޅޭތީ އެކަން އަލުން އޮޅުން ފިލުވަން މާލިއްުޔަތު ކޮމިޓީން އިއްޔެ ނިންމި އެވެ.

އެ ދެ ލޯނާ އެކު، ސަރުކާރުން ގެރެންޓީ ދީ ގެން އާބަންކޯ އިން ނެގި ލޯނުގެ އަދަދު 9 އަށް އަރަ އެވެ. އޭގެ ތެރޭގައި ހިޔާ ޕްރޮޖެކްޓަށާއި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ކަންކަމަށް ނެގި ލޯނުތައް ހިމެނެ އެވެ. އެ ކުންފުނިން ނަގާފައިވާ ލޯނުތަކުގެ އަދަދު 10 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ސަރުކާރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަނަށް ވުރެ މަތީގައި އުޅޭ އިރު ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 120 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.