13 ޑިސެމްބަރ 2023 - 11:30

ހާއްސަ އޮޑިޓްތަކުގެ ގޮތުގައި ހަތަރު އިދާރާއެއް އޮޑިޓް ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހަށް އަންގަވައިފި އެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ވަނީ އޮޑިޓް އޮފީހުގެ މަސައްކަތްތަކަށް ސިޓީ ކައުންސިލާއި އެއާޕޯޓް އެކްސްޕެންޝަން ޕްރޮޖެކްޓާއި އާބަންކޯ އާއި އެފްއޭއެމް އޮޑިޓް ކުރަން ހިމަނައިފަ އެވެ.
އެފްއޭއެމްގެ އޮޑިޓެއް ކުރިއަށް ގެންދާ އިރު އެ އިދާރާގެ މައްސަލަތަކެއް ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
މާލިއްޔަތު ކޮމިޓީން މިގޮތަށް ހަތަރު އޮޑިޓެއް ކުރަން ކަނޑައަޅީ، އެ ކޮމިޓީ އަށް ލިބޭ ބާރުގެ ދަށުންނެވެ.
މި އޮޑިޓްތަކާ އެކު އަންނަ އަހަރަށް ކަނޑައެޅި ސްޕެޝަލް އޮޑިޓްތަކުގެ އަދަދު ނުވައަކަށް އަރާނެ އެވެ.
ސްޕެޝަލް އޮޑިޓްގެ އިތުރުން އަންނަ އަހަރު ފައިނޭންސް ކޮމްޕްލަޔަންސް 294 އޮޑިޓާއި އޮޑިޓް ރިވިއުގެ ގޮތުގައި 39 އޮޑިޓަކާއި ފާޕޯމަންސް އޮޑިޓްގެ ގޮތުގައި ހަތަރު އޮޑިޓެއް އަދި އިންޕޮމޭޝަން ސިސްޓަމްސްގެ ހަތަރު އޮޑިޓެއް ވެސް ހިމެނެ އެވެ.
އަންނަ އަހަރަށް އޮޑިޓް އޮފީހަށް ކަނޑައަޅާފައި ވަނީ 112.2 މިލިއަން ރުފިޔާގެ ބަޖެޓެވެ.