13 ޑިސެމްބަރ 2023 - 10:50

ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ އާއި މުދާ ނަގައިދިން މައްސަލަތައް ރިވިއު ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު ސެޓްލްމަންޓް ކޮމިޓީން ވަނީ އެއް ބިލިއަނަށް ވުރެން ގިނަ ރުފިޔާ ދައުލަތުން ނަގައިދޭން ނިންމައިފަ އެވެ.
އެކަން ކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ލަފައެއް ވެސް ނެތި ގާނޫނާ ޚިލާފަށް ކަމަށް އާ ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ. މިހާރުގެ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޓީ އުވާލައްވާފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސެޓްލްމަންޓް ކޮމިޓީން ނިންމާފައިވާ ނިންމުންތައް ބަންޑާރަ ނައިބުގެ ލަފާއާ އެކު ދަނީ ރިވިއު ކުރަމުންނެވެ. ނަމަވެސް، އޭގެ ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ސެޓްލްމަންޓް ކޮމެޓީ އުވައިލިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމައިފައިވެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި "ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ނަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން އަމަލު ކުރަމުން ގެންދަނީ ގާނޫނީ އޮނިގަނޑެއް، ބާރެއް ނެތި ކަމަށް މިހާރުގެ ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށެވެ.
މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއް ވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށް ވެސް ބަންޑާރަ ނައިބުގެ ލަފާ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ޝަރުއީ މަރުހަލާގައި މައްސަލަަތައް ކުރިއަށް ދަނިކޮށް، ބަންޑާރަ ނައިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި ފަސް މައްސަލައެއް ކުރީގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމީ ބަންޑާރަ ނައިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުންދިޔަ ނުކުތާތަކަށް ވެސް ބެލުމެއް ނެތި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާ ވެސް ހިލާފަށް ކަމަށް ބަންޑާރަ ނައިބުގެ ލަފަޔާ ހަވާލާ ދީ ރައީސް އޮފީހުން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ސެޓްލްމަންޓް ކޮމިޓީ ފުރަތަމަ އެކުލަވާލީ ޖެނުއަރީ، 27، 2019ގަ އެވެ. ބޭނުމަކަށް ވީ ސަރުކާރުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އުވާލާފައިވާތީ އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމެވެ.
ނަމަވެސް، އެ ކޮމިޓީ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފާޑުކިޔައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމު ނަޒާހަތްތެރިކޮށް ކުރިއަށް ގެންދަން މަޖިލީހުން ސަރުކާރަށް ލަފާދިނެވެ. އެއާ އެކު ކޮމިޓީގެ މަސައްކަތްތައް މަޑުޖައްސާލުމަށް ފަހު އުސޫލު އެކުލަވާލައި އަނެއްކާވެސް ކޮމިޓީގެ މަސައްކަތްތައް ފަށައިގަތީ އެވެ.