ލީގު ހޯދުމުގެ ފުރުސަތު ހަ ޓީމަކަށް އެބައޮތް: ކޮންޓޭ
ލީގު ހޯދުމުގެ ފުރުސަތު ހަ ޓީމަކަށް އެބައޮތް: ކޮންޓޭ

ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ހަ ޓީމަކަށް އަދިވެސް އެބައޮތް ކަމަށް ލީގުގެ އެއް ވަނައިގައި މިވަގުތު އޮތް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ލިބުނު 59 ޕޮއިންޓާ އެކު ޗެލްސީ އެއް ވަަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 24 މެޗުން 50 ޕޮއިންޓެވެ. ލީގުގައި ބާކީ 14 މެޗު އޮތްއިރު، ކޮންޓޭ ބުނީ ލީގު ޔަގީންވެއްޖެ ކަމަށް އޭނާގެ ޓީމުން ގަބޫލުނުކުރާ ކަމަށެވެ.

"ހަ ޓީމެއް އެބައޮތް ވަރަށް ވަރުގަދަ. ލީގުގެ މަތީ މަގާމުތަކުގައި އޮތް ޓީމުތަކުގެ ވާދަވެރިކަން ޕޮއިންޓުން އެބަ އެނގޭ. ލީގު ހޯދުމުގެ ފުރުސަތު މި ހަ ޓީމަށް ވެސް އެބައޮތް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑަށް ލީގުގެ ދަށުގައި އޮތް ޓީމުތައް އަތުން ޕޮއިންޓު ގެއްލުމުން ކުރިއަށް ހުރި އެއްވެސް މެޗެއް ފަސޭހަ ކޮށްލަން ބޭނުންނުވާ ކަމަށެވެ.

"ލީގުގެ ފުލުގައި އޮތް ޓީމުތަކުން ވެސް މަތީ މަގާމުތަކުގައި އޮތް ޓީމުތަކާ ދެކޮޅަށް މި ކުޅެނީ ވަރަށް ރަނގަޅަށް ރާވައިގެން. މި ގޮތަށް ބަލާއިރު ޗެލްސީ އަށް ވެސް މި ފަދަ ހާލަތްތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް،" ކޮންޓޭ ބުންޏެވެ.

މި ސީޒަން ފެށުމުގެ ކުރިން ޕީއެސްޖީ ދޫކޮށް އަލުން ޗެލްސީ އަށް ބަދަލުވި ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޮންޓޭ ބުނީ ލުއިޒް އަންނަނީ އޭނާ އަށް ޗެލްސީން ދެއްކި އަގުގެ ބަދަލު ދެމުން ކަމަށެވެ.

"ލުއިޒް އަށް 30 މިލިއަން ޕައުންޑް ހަރަދުކުރުމުން ވަރަށް ގިނަ ބަޔަކު އަހަންނަށް ފާޑުކީ. އެކަމަކު ޗެލްސީ މިހާރު އޮތް މަގަމާށް ގެނެސްދިނުމުގައި ލުއިޒްގެ ދައުރު ބޮޑު. އޭނާ އެ އަންނަނީ ޗެލްސީން ދެއްކި އަގުގެ ބަދަލު މި ޓީމަށް ދެމުން،" ކޮންޓޭ ބުންޏެވެ.

ލީގުގައި ޗެލްސީ މާދަމާ ރަށުން ބޭރުގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.