12 ޑިސެމްބަރ 2023 - 23:12

އެމްއެންޑީއެފަށް 30 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ދެ މޭޖާ ޖެނަރަލަކު އެ ހިދުމަތުން މިއަދު ރިޓަޔާކުރައްވައިފި އެވެ.
އެމްއެންޑީއެފުން ކުރި ޓްވީޓުގައިވާ ގޮތުން ރިޓަޔާކުރައްވާފައި ވަނީ މޭޖާ ޖެނެރަލް، ވައިސް ވަހީދާއި މޭޖާ ޖެނަރަލް، ހާމިދު ޝަފީގެވެ. އޭގެ ތެރެއިން ވައިސް ވަހީދަކީ 34 އަހަރަށް ވުރެ ގިނަ ދުވަހު އެ ހިދުމަތަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހާމިދު ޝަފީގަކީ ވެސް 33 އަހަރަށް ވުރެ ގިނަ ދުވަހު އަސްކަރިއްޔާއަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޑީފުން ބުނެ އެވެ.
މި ދެ ބޭފުޅުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވިއިރު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.
އޭގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވީ އެ ހިދުމަތުގައި މަސައްކަތް ކުރައްވާތާ، 35 އަހަރު ފަހުންނެެވެ. އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ނޮވެމްބަރު 15 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވާފަ އެވެ.