މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ
މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑް މީހަކު މާފުށީ ޖަލުގައި މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވެފައި ވަނީ ޕީޓާ ތޯމަސް ޑަން ނަމަކަށް ކިޔާ 59 އަހަރުގެ މީހެއް ކަމަށެވެ.

ކަރެކްޝަނުން ބުނި ގޮތުގައި އޭނާ ކުއްލިއަކަށް ހޭނެތިގެން ގޮޅިތެރެއަށް ވެއްޓުމުން ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދީފަ އެވެ.

އޭނާ ހިތް ހުއްޓިގެން މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ މާފުށީ ހެލްތު ސެންޓަރަށް ގެންގޮސް ބެލުމަށް ފަހު، ހަވީރު 4:00 ޖަހާކަށް ހާއިރެވެ.

އެ އިދާރާ އިން ބުނީ އޭނާ މަރުވުމާ ގުޅިގެން އެ އިދާރާ އިން ވާނީ ވަގުތުން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި އެޗްއާރުސީއެމާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އެކަން އަންގާފައި ކަމަށެވެ.