12 ޑިސެމްބަރ 2023 - 15:16

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

މޭޔަރުގެ ގޮނޑިއަށް އާ ބޭފަޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.

އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ ފޯމް ހުށަހަޅައިފަ އެވެ.
އާޒިމާ މީގެ ކުރިން ވިދާޅުވެފައި ވަނީ މޭޔަރުކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމިހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވުރު ކާމިޔާބުކުރައްވަން ކަމަށެވެ.
"މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް،" އާޒިމާ ވިދާޅުވެފައިވެ އެވެ.
އާޒިމާގެ އިތުރުން މޭޔަރު ކަމަށް ދެން ފޯމު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް އެވެ. އެ ދެ ބޭފުޅުންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މޭޔަރުކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް އެ ބޭފުޅުން ވަޑައިގަތުމުންނެވެ.