ޖޭއެސްސީއަށް ވަކީލުންގެ މެންބަރު އަލީ އަބްދުއްލަތީފް  އައްޔަންކޮށްފި
ޖޭއެސްސީއަށް ވަކީލުންގެ މެންބަރު އަލީ އަބްދުއްލަތީފް އައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް އަލީ އަބްދުއްލަތީފް މިއަދު އައްޔަންކޮށްފި އެވެ.

އޭނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ބާ ކައުންސިލްގެ އެކްސްކޯގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަބްދުއްލަތީފަކީ ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް އައްޔަންކުރި މެންބަރެކެވެ. އޭނާ އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ބާ ކައުންސިލުން ގާނޫނީ ވަކީލުންގެ މެދުގައި ބޭއްވި އިންތިހާބަކުންނެވެ.

ޖުމްލަ 443 ވަކީލުން ވޯޓު ލީ މި އިންތިހާބުގައި އަބްދުއްލަތީފް އެކަނި ވާދަކުރެއްވާތީ ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އޭނާ މަގާމަށް ހޮވަން ފެންނަ ކަމަށް ވޯޓު ދިނީ 275 ވަކީލުންނެވެ.

މި މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ ނަގާފައިނުވާ ކަމަށް ބުނެ ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

މި ނިންމުމާ ގުޅިގެން ޝުޖާއު އުސްމާން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވެސް ނިންމީ ބާ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ.

ޖޭއެސްސީގެ ވަކީލުންގެ މެންބަރުންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސައިން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.