12 ޑިސެމްބަރ 2023 - 12:26

އެސްޓޯނިއާގައި އާދިއްތަ ދުވަހު ނިމުނު ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ރިހި މެޑަލް ހޯދައިފި އެވެ.

މިއީ މިއަހަރުގެ ބެޑްމިންޓަން ޔޫރަޕް ކަލަންޑަރު މުބާރާތްތަކުގައި ލައިބާ ހޯދި ދެވަނަ ރިހި މެޑަލް އެވެ.
ލައިބާ ބައިނަލްއަގުވާމީ ފުރަތަމަ ރިހި މެޑަލް ހޯދީ މެއި މަހު ކްރޮއޭޝިއާގައި އޮތް މުބާރާތުގެ 11 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މީގެ އިތުރުން އޭނާ ވަނީ މިއަހަރުގެ މުބާރާތްތަކުން ފަސް ލޯ މެޑަލް ވެސް ހޯދައިފަ އެވެ.
އެސްޓޯނިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ޕޮލެންޑްގެ އޮލީވިއާ ޝެޒާސްކާ އެވެ. އޮލީވިއާ އަކީ ޖޫން މަހު ޗެކް ރިޕަބްލިކްގައި އޮތް މުބާރާތުގެ ސިންގަލްސް ބައިގެ ކުއާޓާ ފައިނަލްގައި ލައިބާއާ ދެކޮޅަށް ނުކުމެ ކުރި ހޯދި ކުޅުންތެރިޔާ އެވެ.
ލައިބާ އާއި އޮލީވިއާގެ ޕެއާ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 21-3، 21-11 އިން އެސްޓޯނިއާގެ ލޫރާ ކަސްކް އާއި ސޯފިއާ ކޯނެޖީވާގެ ޕެއާ ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި ލިތުއޭނިއާގެ އަގޯޓާ ބަގުކޭޓް އާއި ބީޓްރީސް އުޒޯމެކޭޓް ވާދަކޮށް 21-18 އިން ފުރަތަމަ ސެޓް ގެންދިޔަ ނަމަވެސް ދެން ކުޅުނު ދެ ސެޓް ގެއްލުނީ 19-21، 16-21 އިންނެވެ.
ކުއާޓާ ފައިނަލްގައި ލައިބާ އާއި އޮލީވިއާގެ ޕެއާ މޮޅުވީ ލިތުއޭނިއާގެ އަމީލޭ އަލިއުކޭޓް އާއި އެސްޓޯނިއާގެ އެމިލީ މުރުމާގެ ޕެއާއާ ވާދަކޮށް 21-19، 21-12 އިންނެވެ. އަދި ސެމީގައި ވަނީ ލިތުއޭނިއާގެ ވަކާރޭ އިންޓޭޓް އާއި މަންޓޭ ޖަބްލޮންސްކީޓްގެ ޕެއާއާ ވާދަކޮށް 13-21، 21-18، 21-14 އިން މޮޅުވެފަ އެވެ.
ޑަބަލްސްގެ ފައިނަލްގައި ލައިބާ އާއި އޮލީވިއާގެ ޕެއާ ބަލިވީ ގުރޫޕް ސްޓޭޖުގައި ބަލިވި ލިތުއޭނިއާގެ އަގޯޓާ ބަގުކޭޓް އާއި ބީޓްރީސް އުޒޯމެކޭޓް އަތުންނެވެ. ފައިނަލްގައި ވެސް ފުރަތަމަ ސެޓް ގެންދިޔައީ ލައިބާ އާއި އޮލީވިއާގެ ޕެއާ އެވެ. ފުރަތަމަ ސެތް 21-18 އިން ގެންދިޔަ ނަމަވެސް ފަހު ދެ ސެޓްގައި ލިތުއޭނިއާގެ ޕެއާ ކުރި ހޯދީ 21-10، 21-12 އިންނެވެ.
އެސްޓޯނިއާ މުބާރާތުގައި 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ގައި ވެސް ލައިބާ ވާދަކުރި އެވެ. ސިންގަލްސް ބައިގެ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްގެން މުބާރާތުގެ ނޮކައުޓް ބުރުން އޭނާ ޖާގަ ހޯދި އެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލައިބާ ވާދަކުރީ ލިތުއޭނިއާގެ ބީޓްރީސް އުޒޯމެކޭޓް އާއެވެ. ފުރަތަމަ ސެޓު 17-21 އިން ގެއްލުމުން ފޯރި ގަދަ ކުޅުމަކަށް ފަހު ލައިބާ ވަނީ 21-12، 21-14 އިން ދެން ކުޅުނު ދެ ސެޓް ހޯދައިފަ އެވެ. ދެވަނަ މެޗުގައި ލައިބާ މޮޅުވީ އެސްޓޯނިއާގެ ލޫރާ ކަސްކް އާ ވާދަކޮށް 21-15، 21-17 އިންނެވެ. އަދި ފަހު މެޗުން މޮޅުވީ ހަތަރުވަނައަށް ސީޑް ކުރެވުނު އެސްޓޯނިއާގެ އެލީސް ވަރޭސް އާ ވާދަކޮށް 21-15، 21-16 އިންނެވެ.
ގުރޫޕްގެ އެއްވަނައިގައި ސިންގަލްސް ބައިގެ ނޮކައުޓް ބުރަށް ދަތުރު ކުރި ނަމަވެސް، ކުއާޓާ އަށް ނުގޮސް ލައިބާ ކެޓީ ފިންލެންޑުގެ ފްރީޑާ ޓޫވަނެން އަތުން ބަލިވެގެންނެވެ. ޓޫވަނެން އެ މެޗުގެ ސެޓްތައް ގެންދިޔައީ 21-16، 13-21، 21-19 އިންނެވެ.