12 ޑިސެމްބަރ 2023 - 11:00

އޭޝިއާ ޕެސފިކް ގައުމުތަކުގެ ތެރެއިން ރިސޯޓްތަކާއި ހޮޓާތަކުގެ ފައިދާ އެންމެ ބޮޑަށް ދަށްވި ގައުމަށް ރާއްޖެ ވެއްޖެ އެވެ.
އިންވެސްޓަރުންނާއި ޑިވެލޮޕަރުންނަށް ސަރަހައްދުގެ މައުލޫމާތު ފޯރުކޮށްދޭ "ވައިޓްބްރިޖް ހޮސްޕިޓަލިޓީ" އިން އާންމުކޮށްފައިވާ "އޭޝިއާ ޕެސިފިކް ހޮޓެލްސް މޮނީޓާ" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ ސެޕްޓެމްބަރަށް ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ ގްރޮސް އޮޕަރޭޓިން ޕްރޮފިޓް ޕާ އެވެއިލަބަލް ރޫމްގެ އަދަދު ވަނީ 11.8 ޕަސެންޓަށް ވެއްޓިފަ އެވެ.
ރާއްޖެއަކީ މި ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ކުރިއެރުމެއް ނުލިބުނު ހަމައެކަނި ގައުމެވެ. އެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ޓޯކިއޯ އާއި ބެންކޮކާއި ބެއިޖިން އެވެ.
ވޭތުދިޔަ އެއް އަހަރުގައި ރާއްޖޭގެ އެވްރެޖް ޑެއިލީ ރޭޓު (އޭޑީއާރް) އަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެހެން ނަމަވެސް އޮކިއުޕެންސީ ވަނީ 0.4 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. އަދި ރެވެނިއު ޕާ އެވެއިލަބަލް ރޫމް ވަނީ 0.4 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މި އޭޝިއާ ޕެސިޕކްގެ އެހެން ސަރަހައްދުތަކާ އަޅާ ބަލާ އިރު ވަރަށް ދަށް ކުރިއެެރުމެކެވެ.
ވައިޓްބްރިޖް އިން ބުނީ، ޕީކް ސީޒަންގައި އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެއިން ހޯދި ނަމަވެސް އޮފް ސީޒަނުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ރާއްޖެ އަށް ކަމަށެވެ. ޕީކް ސީޒަންގައި ވަކި ވަކި ކޮޓަރީގެ ފައިދާ 300 ޑޮލަރަށް އަރަ އެވެ. މިއީ ސިންގަޕޫރު ފަދަ ގައުމުތަކާ އަޅާ ބަލާ އިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެން ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހާއި މި އަހަރުގެ ޖޫން މަހު ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޓިން ކޮސްޓް ބޮޑުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނު ކަން ވައިޓްބްރިޖުން ފާހަގަކުރެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ ފުރަތަމަ 8 މަހު ޓޫރިސްޓުންގެ އަތުން ލިބުނު އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު (39 ބިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ދަށް އަދަދެކެވެ.