ފުވައްމުލަކުގައި ހުވަނި ގިނަވެ، އާންމު އުނދަގުލަކަށް
ފުވައްމުލަކުގައި ހުވަނި ގިނަވެ، އާންމު އުނދަގުލަކަށް

ފުވައްމުލަކުގައި ހުވަނި ގިނަވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ފުވައްމުލަކުގައި ހުވަނި ގިނަވެ، އާންމު އުނދަގުލަކަށް
ފުވައްމުލަކުގައި ހުވަނި ގިނަވެ، އާންމު އުނދަގުލަކަށް

ތޭރަ ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށަށް ކޮންމެ ވިއްސާރަ ދުވަސްވަރެއްގައި ހުވަނީގެ އުނދަގޫ ކުރިމަތިވެ އެވެ.

ފުވައްމުލަކުގައި ހުވަނި ގިނަވެ، އާންމު އުނދަގުލަކަށް
ފުވައްމުލަކުގައި ހުވަނި ގިނަވެ، އާންމު އުނދަގުލަކަށް

ފުވައްމުލަކު ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއީ ވިއްސާރަ ދުވަސްވަރަކަށް ވާތީ އާދަޔާހިލާފަށް ހުވަނި ގިނަވެ އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާ ކަމަށެވެ.

"ސްކޫލަށް ކުދިން ގޮވައިގެން ދާއިރު، ނޫނީ އެހެން ކަންކަމަށް ބޭރަށް ނުކުމެ އުޅޭ ކޮންމެ ފަހަރަކު ގެއަށް އައިސް އެބަ ޖެހޭ އެއްޗެހި ބަދަލުކުރަން. ނޫނީ ގައި ކަހައި އެކަހަލަ ކަންކަންވޭ،" އޭނާ ވިދާޅުވި އެވެ.

އެ ރަށަށް ހުވަނީގެ އުނދަގޫ ކުރިމަތިވާތާ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި ބޭސް ޖަހައިގެން ނައްތާލަން މަސައްކަތް ކުރި ނަމަވެސް ދާއިމީ ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރަކު ގާތްގަނޑަކަށް ދެ ދުވަސްވަރެއްގައި ހުވަނީގެ އުނދަގޫ ކުރިމަތިވޭ. ވިއްސާރަ ދުވަސް ވަރު. އާންމުކޮށް މި ހުންނަނީ ހެނދުނުގަޑީގައި. އެ ގަޑިތަކުގައި ބޭސް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި ދަނީ،"

އެކަން ހައްލު ކުރުމަށް "ނީމް އޮއިލް" އާއި ކެމިކަލެއް ބޭނުންކޮށްގެން ހުވަނި އަޅާފައިވާ ގަސްތަކަށް ބޭސް ސްޕްރޭ ކުރުމުގެ މަސައްކަތްތައް ކައުންސިލުން ކުރަމުންދިޔަ ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ހުވަނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީއާ ވެސް މަޝްވަރާ ކުރި ކަމަށެވެ.

އެންމެ ގިނައިން ހުވަނި އަޅާފައި ވަނީ ފުނަ ގަސްތަކާއި ގޭގޭގައި ހުންނަ ޖަނބުރޯލު ގަސްތަކުގައި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. މީގެ އިތުރުން އަނބު ގަސްތަކުގައި ހުވަނި އާލާވަމުންދާ ކަމަށް އޭނާ ވިދަޅުވި އެވެ.

ފުވައްމުލަކަކީ ވަރަށް ގިނަ އަދަދަކަށް އަނބުގަސް ހުންނަ ރަށަކަށް ވާއިރު އަނބު މޫސުމުގައި ހުވަނީގެ އުނދަގޫ ކުރިމަތިވުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ.

ރާއްޖޭގައި އާންމުކޮށް ހުވަނި އަޅާކަން ފާހަގަކުރެވިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބިޔަކޮށް ހެދޭ ގަސްގަހުގަ އެވެ.