12 ޑިސެމްބަރ 2023 - 15:24

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ، ފ. ނިލަންދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީ އަށް ފޯމު ހުށަހަޅުއްވައިފި އެވެ.
ސައިކޮލޮޖީން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސައުދާއަކީ، ރައީސްގެ ހަމައެކަނި ކޮއްކޯފުޅެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތުގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ސައުދާ "މިހާރު" އަށް ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ، އެ ދާއިރާގެ ރައްޔިތުންގެ ވިސްނުންތަކާއި މިޖާޒު އެއްގޮތްވުމުން، ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. މަޖިލީހަށް ކުރިމަތިލައްވަން ދާއިރާއެއް ވިސްނަމުން ދިޔައިރު، ނިލަންދޫ ދާއިރާ އަށް ކުރިމަތިލުމަށް އެ ދާއިރާގެ ރައްޔިތުން އެދެމުން ދިޔަ ކަމަށް ސައުދާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ އަށް ބޮޑު ތާއީދެއް އޮންނަ ނިލަންދޫ ދާއިރާ އަށް ސައުދާއާއެކު އިތުރު ދެ މީހުން ކުރިމަތިލި އެވެ. އެހެންވެ، ގޮންޖެހުން ބޮޑުވިޔަސް، އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.
"ރައީސްގެ ތަސައްވަރެއް އެބައޮތް އެ ހިސާބުތަކަށް. އެކަން ހާސިލްކުރަން ކޮންޓްރިބިއުޓް ކުރެވިދާނެ ކަމަށް ގަބޫލުކުރެވެނީ. ފާއިތުވި އަހަރުތަކުގައި އެ ދާއިރާ އަށް ވި އިހުމާލުތަކަށް ބަލައި، މަޖިލީހުގައި އަޅުގަނޑަށް ވަކާލާތުކުރެވިދާނެ ކަމުގެ އިތުބާރު އެބައޮތް،" ސައުދާ ވިދާޅުވި އެވެ.
"އިންޝާﷲ ކާމިޔާބުވާނެ."
އޭނާ ސިޔާސީ ދާއިރާއާ ގުޅިވަޑައިގަތީ 2009 ވަނަ އަހަރު އަދާލަތު ޕާޓީންނެވެ. އެ ޕާޓީގެ އަންހެނުން ކޮމިޓީގެ ރިލޭޝަންސް ސެކްރެޓަރީކަން ކުރައްވަމުން ދަނިކޮށް، އެ ޕާޓީން ވަކިވެވަޑައިގެންނެވީ، އަދާލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރި ތާއިދު އަނބުރާ ނެގުމަށް ދެއްކި ސަބަބުތައް ގަބޫލުނުކުރެވިގެންނެވެ. ހަމަ އެ ދުވަހު ޕީޕީއެމަށް ސޮއިކުރެއްވި އެވެ.
ޕޯޑިއަމްތަކުގައި ވާހަކަނުދެއްކެވިޔަސް، ސައުދާއަކީ ޕީޕީއެމްގައި ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށާއި ސަރުކާރު ޒިންމާދާރުކުރުމަށް މީގެ ކުރިން ބޭއްވި އެއްވުންތަކުގައި އޭނާ ބައިވެރިވެފައިވެ އެވެ. އޭގެ އިތުރުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލާއި މަޖިލިސް އިންތިހާބު އަދި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އިސް ދައުރެއް އަދާކުރި އެވެ.
ޕްރައިމަރީ ޓީޗިން އިން ޑިޕްލޮމާ ހެއްދެވުމަށްފަހު، އޭނާ ކެރިއާ ބަދަލުކުރެއްވި އެވެ. އޭގެ ފަހުން ސައިކޮލޮޖީން ޑިގްރީ އަދި ކްލިނިކަލް ސައިކޮލޮޖީން މާސްޓާސް ހެއްދެވި އެވެ.