11 ޑިސެމްބަރ 2023 - 17:09

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ފަސް ބޭފުޅެއްގެ މާލީ ބަޔާން، ގާނޫނުގައިވާ މިންގަނޑަށް ނުފެތޭތީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ނިމޭތާ އެއް މަސް ތެރޭ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް އީސީއަށް ހުށަހަޅަން ޖެހެ އެވެ.
އިސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނުން ދިރާސާ ކޮށްފައިވާ ކަމަށެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި، އެ ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން، ފިޔަވަޅު އަޅަން ކޮމިޝަނުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މިންގަނޑަށް ފެތެނީ ތިން ކެންޑިޑޭޓުންގެ މާލީ ބަޔާން ކަމަށެވެ. ނަމަވެސް އެ ކެންޑިޑޭޓުންގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއްވި ފަހަރެވެ. އަށް ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު އެއީ، ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަ ކުރެއްވި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އަދި އަމިއްލަގޮތުން ވާދަ ކުރައްވި ފާރިސް މައުމޫން އާއި ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި މއ. މާވެޔޮވިލާ ހަސަން ޒަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.