11 ޑިސެމްބަރ 2023 - 14:07

ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ވަރަށް އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހަދަން ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އެ ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓަށް އެހި އިރު ތަޅުމުގައި 56 މެންބަރުން ހާޒިރުވެ ތިއްބެވެ.
އެހެންވެ އެ މައްސަލަ މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވަން ނިންމާ ކަމަށް ރިޔާސަތުން އިއުލާން ކުރި އެވެ.
މުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި، އިބޫ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައްޔިތުން އެކަންކަމާ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ރައްޔިތުން ގޮވާލަމުންދާ ކަމަށާއި މި ކަމުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެ އެވެ.
ތަހުގީގުކޮށްދޭން އެދުނު މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި ތިބި ކަމަށް ބުނާ ހަތިޔާރާ އެކު ތިބި އެތައް ހާސް ސިފައިންނާއި ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ގޮތް ނިންމި ކަމަށާއި ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ ވާހަކަތައް ހިމެނެ އެވެ.
ޕަބްލިކް އިންކުއަރީ ހަދަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފާސްކޮށްފައިވަނީ އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.