ބަޖެޓު ބަހުސް މިއަދު ނިންމަން ޖަލްސާ ދަންމާލައިފި
ބަޖެޓު ބަހުސް މިއަދު ނިންމަން ޖަލްސާ ދަންމާލައިފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސް ނިންމުމަށްޓަކައި، މިއަދުގެ ޖަލްސާގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ 300 މިލިއަން އިތުރުކޮށް ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ.

ބަޖެޓު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސް ކުރައްވަން، ރިޔާސަތު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވަގުތު އިތުރުކުރައްވަން ބޭނުންފުޅުވާ ކަމަށް އިއުލާނުކުރައްވައިފަ އެވެ.

އެއާ އެކު، އަސްލަމް ހުށަހެޅުއްވި ގޮތަށް، ބަޖެޓު ބަހުސް މިއަދު ނިންމުމަށްޓަކައި ހަވީރު 5:00 އާ ހަމައަށް ޖަލްސާގެ ވަގުތު އިތުރުކުރަން ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މިއަދު ބަޖެޓު ބަހުސް ނިންމިޔަސް، މިއަދު ބަޖެޓު ފާސްކުރަން ވޯޓަށް އަހާނެ ކަމެއް ނޭނގެ އެވެ.

ދައުލަތުގެ ބަޖެޓާއި މަޖިލީހުގައި ހުރި މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރު ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓަށް އެންމެ ބޮޑު އަދަދެއް އިތުރުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެގޮތުން ޕީއެސްއައިޕީ އަށް ވަނީ 249 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އެއާ ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި ބަޖެޓު ވަނީ 8.6 ބިލިއަން ރުފިޔާ އިން 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބާކީ ބަޖެޓަށް އިތުރުވީ، ބައެއް އޮފީސްތަކުގެ ބަޖެޓެވެ.

ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވި އިރު އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ވަނީ 400 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފަ އެވެ. އެހެންވެ އަންނަ އަހަރު އެ މަޝްރޫއުއަށް ޖުމްލަ 600 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

މި ގެނައި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް 16.3 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

ކޮމިޓީން ވަނީ ސަބްސިޑީ ޓާގެޓު ކުރުމަށް ރެކޮމެންޑޭޝަން ހުށަހަޅައި، އެކަން ފާސްކޮށްފަ އެވެ. ބަޖެޓުގައި ސަބްސިޑީ ސީދާ ބޭނުންވާ މީހުންނަށް ސަބްސިޑީ ދޭން 600 މިލިއަން އޮތީ ހިމަނައިފަ އެވެ. އޭގެ އިތުރުން ވެސް އެސްއޯއީތައް ރީފޯމް ކުރުމަށް ވެސް ކޮމިޓީން ވަނީ ލަފާ ދީފަ އެވެ. ރިޓަޔަމަންޓް ޕެންޝަން ދިނުމުގައި މިހާރަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހި ކުރަން ވެސް ލަފާ ދިނެވެ.