11 ޑިސެމްބަރ 2023 - 12:54

ނުރައްކާ ކެމިކަލް ހުރި ބޭސް ވިއްކި ޕާކިސްތާނުގެ ކުންފުނި، ފާމިކްސް ލެބޯޓްރީސްގެ ފެކްޓަރީ އެ ގައުމުގެ ސަރުކާރުން އަންގައިގެން ބަންދުކޮށްފި އެވެ.
ޕާކިސްތާނުގެ ބައެއް ނޫސްތަކުގައި ބުނީ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުން ވެސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީން ވަނީ ފާމިކްސް ލެބޯޓްރީސް އިން އުފައްދާ 27 ބޭހެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން ވެސް މަނާކޮށްފަ އެވެ. އެއީ ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ އެ ކުންފުނީގެ ހުރިހާ ބޭހެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފާމިކްސް ލެބޯޓްރީސްގެ ފެކްޓަރީ ބަންދުކުރަން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން އެންގީ ރާއްޖެ އިން މި ބޭސްތަކުގައި މައްސަލަ ހުރިކަން އެ ގައުމަށް އެންގުމުންނެވެ.
ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން މި ބޭސްތައް މިހާރު ޓެސްޓުކުރަމުން އަންނަ ކަމަށާއި އަދި ހޯދުންތަކަށް ބަލައި އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ ކުންފުނީގެ އޮފިޝަލަކު ޕާކިސްތާނުގެ "ޑްރެޕް" ނޫހަށް ވިދާޅުވި ގޮތުގައި، މި މައްސަލަ ދިމާވުމާ އެކު، އެ ކުންފުނީގެ ސިރަޕް ޝެކްޝަން ނުވަތަ މި ބޭސްތައް އުފައްދާ ފެކްޓަރީ ވަނީ ބަންދުކޮށްފަ ވެ. ނަމަވެސް، މިއީ އެ ކުންފުނިން ގަސްތުގައި ކުރި ކަމެއް ކަމަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއްވި ކަމަށް އެ ނޫހުގައި ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ފާމިކްސް ލެބޯޓްރީސްގެ ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމުގެ ރިޕޯޓް ރާއްޖެއިން އެ ޖަމިއްޔާ އަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
އޭގެ ކުރިން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ވަނީ އާންމުންގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފަ އެވެ.
ނުރައްކާތެރި ކެމިކަލް ހުރި ފާމިކްސް ލެބޯޓްރީސްގެ ބޭސްތަކުގެ މައްސަލަ ފިޖީ އާއި ލާއޯސް އަދި ބެލީޒް އިން ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުންޏެވެ.
ފާމިކްސް ލެބޯޓްރީސްގެ ބޭސްތަކުގެ މައްސަލާގައި ސުވާލުކުރުމަށް ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭ އާއި އެޗްޕީއޭ އާއި އާސަންދަ އާއި އެސްޓީއޯ އަދި އޭޑީކޭގެ ވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.