ނާޒިމް ޕީއެންސީގެ ޓިކެޓްގައި އަނެއްކާވެސް ދިއްގަރު ދާއިރާ އަށް
ނާޒިމް ޕީއެންސީގެ ޓިކެޓްގައި އަނެއްކާވެސް ދިއްގަރު ދާއިރާ އަށް

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި އަހުމަދު ނާޒިމް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓް ހޯއްދަވަން ކުރިމަތިލައްވައިފި އެވެ.

އެންމެ ފަހުން ޖުމްހޫ ޕާޓީ އަށް ސޮއިކުރައްވައި މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި އިސްކޮށް ހުންނެވި ނާޒިމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ރޭ ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ.

ނާޒިމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި މުހިންމު ނިންމުމެއް ނިންމާފައިވާ ދުވަހެއް ކަމަށެވެ.

"އަޅުގަނޑާ އެންމެ ގާތުގައި، ދެގޮތެއް ނުވެ އަބަދުވެސް ތިއްބެވި ދިއްގަރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ މަތިވެރި މަގުސަދުގައި، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާ އަށް ވާދަކުރުމަށް އަޅުގަނޑު ފޯމު ހުށަހަޅައިފީމެވެ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މަޖިލިހުގެ މެމްބަރުކަން ކުރެއްވީ 2009 އިން 2014 އަދި 2014 އިން 2015 އަށެވެ. ދިއްގަރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ދެވަނަ ދައުރު ކާމިޔާބު ކުރެއްވި ނަމަވެސް މެމްބަރުކަން ގެއްލުނީ ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެންނެވެ.

ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކުރިން ވަރަށް ގާތް ބޭފުޅެއް ކަމަށް ވިޔަސް ގުޅުން ގޯސްވެފައިވާތާ ވަރަށް ދުވަސް ވެއްޖެ އެވެ.