ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އަށް ދީފި
ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީ އަށް ދީފި

ކުރީގެ ސަރުކާރުން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފި އެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން މިހާރު ދީފައިވާ ކަމަށެވެ.

"އެކްސެސް ދިނުމާ އެކު، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށް އެބަދެ އެވެ،" އެ މެސެޖުގައިވެ އެވެ.

އޭސީސީން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ މިންވަރަކުން ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މި މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން މީޑިއާ އަށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ފްލެޓް ލިބޭ ފުރަތަމަ 4،000 މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނާއި އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ. އަދި އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިމެންދެން ފްލެޓް ދިނުމުގެ އެއްވެސް މަސައްކަތެއް ނުކުރަން ވަނީ އަންގައިފަ އެވެ.

މި މައްސަލާގައި މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީ އަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމުން އެ ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގު ލަސް ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ގާއިމްކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގެ އެކްސެސް ނުލިބިގެން ކަމަށެވެ.

ޕޯޓަލްގެ އެކްސެސް ދިނުމުގެ މަސައްކަތް އަވަސްކޮށްދެއްވައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޮމިޝަނަށް އެކްސެސް ދެއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

އޭސީސީން ބުނި ގޮތުގައި، ފްލެޓު ލިސްޓުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރަށްރަށުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ މީހުންކަން ލިޔެކިޔުމުން އެނގޭއިރު ވެސް ފްލެޓަށް ޝަރުތު ހަމަވެފައިވުމާއި ދަރިން ނެތް މީހުންގެ ދަރިން ތިބި ކަމަށް ބަލައި ޕޮއިންޓް ދީފައިވުން ވެސް ހިމެނެ އެވެ.