22 ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން ކޮމިޓީން ނިންމައިފި
22 ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން ކޮމިޓީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރައްވާފައިވާ 22 ބޭފުޅުން ވެސް ވަޒީރު ކަމުގެ ޝަރުތު ހަމަވާތީ އެ ބޭފުޅުންނަށް މަޖިލީހުގެ ތަޅުމުގައި ވަކި ވަކިން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

22 ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން ކޮމިޓީން ނިންމައިފި
22 ވަޒީރުންނަށް ވަކިވަކިން ރުހުން ދޭން ކޮމިޓީން ނިންމައިފި

ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން، މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ ޕަބްލިކް ވާކްސް މިނިސްޓަރަށް އައްޔަނުކުރެއްވި ޑރ. އަލީ ހައިދަރާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބަލަން އެދުނު ކަމަށެވެ.

އަދި އެ ދެ ބޭފުޅުން ވެސް ވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ކުރިން ބޭރުގެ ގައުމުގައި އޮތް ރައްޔިތު ކަން ދޫކޮށްލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކުން ހޯދި މައުލޫމާތުތަކުން ކެބިނެޓަށް އައްޔަނުކުރައްވާފައިވާ ހުރިހާ ބޭފުޅުން ވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާ ކަމަށެވެ.

އެހެންކަމުން، އޭނާ ހުށަހެޅުއްވީ 22 ބޭފުޅުންގެ ވެސް ޝަރުތު ހަމަވާކަމަށް ކޮމިޓީން ކަނޑައަޅައި، މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުން ކޮންމެ ބޭފުޅަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށެވެ.

ޝިފާއުގެ ހުށަހެޅުން ފާސްކޮށްފައިވަނީ، މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، މަޖިލީހުގެ ދައުރު ވަނީ މި މަހުގެ 18 އަށް އިތުރުކޮށްފަ އެވެ. އެހެންކަމުން، މި ހަފްތާގެ ތެރޭގައި ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް، ކެބިނެޓަށް އައްޔަނުކޮށްފައިވާ ބައެއް ބޭފުޅުންނާ މެދު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެ ބޭފުޅުންނަށް ރުހުން ނުދޭން ގޮވާލައްވާފައިވީ ނަމަވެސް، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން އެކަމުގައި ރަސްމީކޮށް ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެ އެވެ.