ލަސްވުން
ލަސްވުން

އާދިއްތަ ދުވަހާ ގުޅޭ

"މި ތާކު ނެތް!" ހަފީޒާ ވަގުތުން ބުންޏެވެ.

ލުބާނާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ސޯފާގެ ދަށާއި، މޭޒު މައްޗާއި، އެތަންމިތަން ހޯދިއެވެ. އަނގޮޓިތަކެއް ނެތެވެ.

"ގެއްލުނީތަ؟" ވަރަށް ނޭނގިފައި ހަފީޒާ އެހިއެވެ.

"ވަތްގަނޑަށް ލެވުނީކަން ނޭނގެ." ލުބާނާ ދޮގުހެދިއެވެ.

"ސާބަސް!" ހަފީޒާ ބުނެލީ އެހެން އެކަންޏެވެ. "ކޮން އިރަކުން ރަޒީން ފުރަނީ؟ ފުރުމުގެ ކުރިން ކާން ގެންނަންވާނެއްނު!"

ރަޒީނަކީ ލުބާނާގެ ލޯބިވެރިޔާއެވެ. ކިޔަވައިގެންހުރި، އަހުލާގު ރަނގަޅު، ރީތި ރަޒީންއަކީ، ހަފީޒާގެ އެކުވެރި މައުސޫމާގެ ދަރިއެކެވެ. ދެ އާއިލާގެ ރުހުމާއެކު ކައިވެނީގެ ތާރީހު ވެސް އޮތީ ހަމަޖެހިފައެވެ. އޮފީސް ދަތުރެއްގައި ރަޒީން ނިއުޒިލެންޑަށް ފުރަންޖެހޭތީ ކައިވެނި ފަސްވެފައިއޮތީއެވެ. ހަފީޒާއަށް ވެގެންވާ ނަމަ އެ ކައިވެނި މިހާރު އޮންނާނީ ކޮށްނިންމައިފައެވެ.

"ގެންނާނެކަމެއް ނެތް،" ސަމާސައިގެ ރާގެއްގައި ލުބާނާ ބުންޏެވެ. "މަންމަ ކާންދީދީ މިހާރު ވެސް އޭނަ ފަލަވެއްޖެ!"

ވެރިކަންކުރާ ޕާޓީގެ ވަރުގަދަ އެއްވުމެއް ޓީވީން ވަގުތުން ދެއްކި ރެޔެކެވެ. މޫސައާއި ހަފީޒާ ވެސް ތާއީދުކުރަނީ ވެރިކަންކުރާ ޕާޓީއަށެވެ. އޭރު ޕޯޑިޔަމުގައި ހުރީ ވަރަށް އަޑުގަދަ މީހެކެވެ. އޭނަގެ އަޑު ވަރަށް ވަރުގަދަ ވެސްމެއެވެ.

"އަޑެއް އޮތަކަސް ދައްކާ ވާހަކަޔަކު އޮއްޓަރެއް ނެތް،" ފޫހިވެފައިވާ ރާގެއްގައި މޫސަ ބުންޏެވެ. "ކިޔާ އެއްޗެއް ހަމަނުޖެހޭ ތާނގަ، ތާރީހުތައް ވެސް ނުބައިކޮށް އެ ކިޔަނީ. މި ކަހަލަ ދެއުޅިއެއްނުވާ މީހުންނާ ހެދި.."

އެ ވަގުތު މޫސައަށް ފޯނެއްއައެވެ. ފޯނަށް ބަލައިލި ވަގުތު، ފޯނަށް އަރައިފައި އޮތް ނަން ހަފީޒާއަށް ފެނުނެވެ. ޓީވީގެ އަޑު މަޑުކޮށްލުމަށް ހަފީޒާއަށް އިޝާރާތްކުރަމުން މޫސަ ފޯނުނެގިއެވެ.

"ކީކޭ ދަރިފުޅާ؟" މޫސަ ބުންޏެވެ.

"ފޯނުގެ ކެމެރާ މިހާރު ނުވެސް ޖެއްސޭ!" ފަރްހާ ކަންބޮޑުވެފައި ބުންޏެވެ. "ބައްޕަ ބުނީމެއްނު ފޯނެއް ގަންދޭނަމޭ! މިހާރު ޓޫ ވީކްސް މި ވީ. ވަރިހަމަ ހާފް ދިނަސް. އަހަރެން އަނެއްބައި ލާފާނަން."

"ދަރިފުޅާ!" ނަސޭހަތުގެ ރާގެއްގައި މޫސަ ބުންޏެވެ. "ފޯނުގެ ބޭނުމަކީ ވާހަކަދެއްކުން. ނެޓަށް ވަނުން. ފޮޓޯނަގަން ކެމެރާއެއް އެބަ އޮތެއްނު! ކިހާ އަގު ބޮޑުކޮށް ގަތް ކެމެރާއެއެް އެއީ. ކެމެރާ ގަތް އިރު ވެސް ބައްޕަ ބުނިން.."

އެ ހިސާބުން ފަރްހާ ފޯނުކަނޑައިލިއެވެ. ނީވޭކަމަށް ހެދިގެން އިނަސް ހަފީޒާއަށް ވާނުވާ އެނގުނެވެ.

"ޔަގީން އާ ފޯނެއް ނުކުތީކަން،" ޓީވީއަށް ބަލަހައްޓައިގެން އިން ހަފީޒާ މަޑުމަޑުން ބުންޏެވެ. "ހީވާ ކަހަލަ ބައްޕައަކީ ލާރި ޖަހާ މެޝިނެކޭ. މޫސަ އެ ކުދިންނަށް ދަސްކޮށްދީބަލަ ލާރިއަކީ ގަހެއްގަ އަޅާ އެއްޗެއް ނޫންކަން."

ދޮންދަރިން ދެކެ ހަފީޒާ ލޯބިވާކަން މޫސައަށް އެނގެއެވެ. އެހެނަސް، ބައެއް ފަހަރު ހަފީޒާ ބުނެލާ އެއްޗެހި މޫސައަކަށް އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ.

"މަ ބުނަން ވާހަކައެއް ހަފީޒާ!" މޫސަ ގަޔާވެލައިފައި ބުންޏެވެ. "ލުބާނާއަށް ހަފީޒާ ތި ދޭ ތަރުބިއްޔަތު އަހަރެން ބޭނުމެއް ނޫން ދޮށީ ދެ ކުދިންނަށް ދޭކަށް. އެ ކުދީން ބައެއް ފަހަރު ހިތަށްއަރާނެ އަހަރެން ހާދަހާ މުށްބާރޭ! ހެޔޮ އެހެން ހިތަށްއެރިޔަސް. ބުނާހާ އެއްޗެއް، ބުނާހާ ވަގުތަކު ނުގަނެދޭނަން."

"އަހަރެން ބޭނުމެއް ނޫން ތި ބަހުސްކުރާކަށް،" ހަފީޒާ މަޑުމަޑުން ބުންޏެވެ. "ބޭނުން ނަމަ އަހަންނަށް ބުނެވުނީސް އަހަރެންގެ ހުންނަނީ އެންމެ ދަރިޔެކޭ، އަހަރެންގެ މުޅި ވިޔަފާރިޔަކީ ލުބާނާގެ އެއްޗެކޭ، ލުބާނާ ބޭނުމިއްޔާ ވިލާތައް މަތީގަ ވެސް ގެއަޅައިގެން އޭނައަށް އުޅެވިދާނޭ. އަނެއްކާ ވެސް ބުނެލަން، ލޯބިނުވާތީއެއް ނޫން މިހެން މި ބުނަނީ. އެ ދެބެން އުޅެނީ ނެތް ފެންވަރުން އުޅެން. އެހެން އުޅެންހަދައިގެން އަތުންފައިން ގޯހެއް ހެދިއްޖެއްޔާ ކިހާ ދެރަ؟"

"މާނައަކީ؟" މޫސަ ސުވާލުކުރިއެވެ.

ހަފީޒާ ޖަވާބެއް ނުދިނެވެ. މޫސައަށް ވިސްނުނަސް ނުވިސްނުނަސް، އަކުރުތަކުގައި ފިލިޖަހާކަށް ހަފީޒާ ބޭނުމެއް ނުވިއެވެ. އެ ވަގުތެއް އަދި ނުޖެހެއެވެ. ޖެހުނީމައި އެ ކަން ވެސް ހަފީޒާ ކުރާނެއެވެ. ކުރާނެ ކަމެއް ނޭނގި، އެނދުގައި އޮށޯވެލައިގެން ވިސްނަން އޮތީ ލުބާނާއެވެ. ކޮޓަރީގެ ހުރިހައި ތަނެއް ހޯދުނު އިރު ވެސް އަނގޮޓިތައް ނުފެނުނީމައެވެ.

"ހުޅުވާފަ!" ދޮރުގައި ޓަކިޖަހައިލުމުން ލުބާނާ ބުންޏެވެ.

އެތެރެއަށް ވަނީ ހަފީޒާއެވެ. ކޮށައިފައިވާ އަނބު ތަށްޓެއް ހިފައިގެންނެވެ. މަންމަ ވަނުމުން ލުބާނާ ތެދުވިއެވެ.

"ވަރަށް ފޮނި އަނބެއްވީމަ ރަހަދައްކާލަން މި އައީ،" އެނދުގައި އިށީންނަމުން ހަފީޒާ ބުންޏެވެ. "ކާލަބަލަ!"

އަނބަކީ ލުބާނާއަށް އެންމެ މީރު މޭވާއެވެ. އެހެނަސް އެރޭ ލުބާނާގެ ޝައުގުވެރިކަން ކުޑަވެފައިވާކަން ހަފީޒާއަށް ފާހަގަކުރެވުނެވެ. އެންމެ ފޮއްޗެއް ވެސް ނުކައި، ތަށްޓަށް ބަލަހައްޓައިގެން ލުބާނާ އިނެވެ. ހިތަށްއަރާ އެތި ގަބޫލުކުރާކަށް ލުބާނާ ބޭނުމެއް ނޫނެވެ.

"ލޮލުން ކާ ރެޔެއްތަ ދަރިފުޅާ؟" ހަފީޒާ އެހިއެވެ. "ތީ އަނބޭ!"

"ފާޑެއްގެ ގޮތެއްވެފަ ހުންނަނީ،" އަނެއްކާ ވެސް އޮށޯންނަމުން ލުބާނާ ބުންޏެވެ. "ހީވަނީ ގޭސްހެން."

މާ ބޮޑަށް ފިކުރުބޮޑުވުމުން ލުބާނާ ގޭސްވެއެވެ. ހަފީޒާއަށް އެ ކަން އެނގެއެވެ.

"ކަމަކާ މާ ބޮޑަށް ވިސްނަނީތަ؟" ހަފީޒާ އެހިއެވެ. "ރަޒީންއާ މައްސަލަޖެހުނީތަ؟"

"ނޯ!" ލުބާނާ ވަގުތުން ބުންޏެވެ. "އަހަރެންގެ އަތް ހޫނުތަ؟"

ހަފީޒާގެ އަތުގައި ލުބާނާ އަތްޖައްސައިލީ ހުންހުރިތޯ ބެލުމަށް ޓަކައެވެ.

"ކޮބާ އަނގޮޓިތައް؟" ހަފީޒާ ސުވާލުކުރިއެވެ.

"ނޭނގެ މަންމާ!" ބޮލަށްއުނދަގޫވުމުން ބުނާ ކަހަލަ ރާގެއްގައި ލުބާނާ ބުންޏެވެ. "ހުރިހާ ތަނެއް ހޯދައިފިން. ނުފެނުނު. އަހަންނަށް ހަމަ ހީވޭ މޭޒުމަތީގަ ބެހެއްޓުނުހެން."

"ވަރަށް އަގު ބޮޑު އަނގޮޓިތަކެއް އެއީ،" ހަފީޒާ ބުންޏެވެ. "އެކަމަކު މަންމައަށް މައްސަލައަކީ އަގެއް ނޫން. ގެއްލުނު ގޮތް މައްސަލައަކީ. މިއަދު ވެސް ފަރްހާ އުޅޭ ފޯނެއް ބޭނުންވެގެން ބައްޕައަށް ގުޅައިގެން. އެކުދިން ވެސް ފާޑުފާޑުގެ އަގުބޮޑު އެއްޗެހި ބޭނުންވާނެ. އެކަމަކު ވައްކަންކުރާނެއެކޭ ނޫން. ދަރިފުޅު ވެސް އެހެން ހިތަށްނާރުވާތި! މަންމައަށް ފެންނަނީ މި ވާހަކަ ދެން މި ހިސާބުން ނިންމާލަން. ދަރިފުޅުގެ އެއްބަފާ ކުދިން. އަނެއްހެން މައްސަލައެއް ނެތްތާ! ނަމަނަމަ އެއިން ކުއްޖަކަށް އިވޭ ހިސާބު މި ވާހަކަ ނުދައްކާތި! ނޭނގޭކަމަށް ހަދާލައިގެން ހުރޭ!"

ހަފީޒާ ދިޔައީ ވިހަ ވެލެއް ލުބާނާގެ ސިކުނޑީގައި އިންދައިދީފައެވެ. އެއީ ގަސްތުގައި ކުރި ކަމެކެވެ. އެއްރޭހަތަރުދަމުން ވެލުގެ މޫތައް ފައިބައި، ކުރިތައް ފަޅައި، އޮޅެމުން އެނބުރެމުން ވެޔޮގަނޑު ހެދިގަތެވެ. ދައްތަމެންނަށް އަޑުއިވޭ ހިސާބަކު ލުބާނާ އެ ވާހަކައެއް ނުދައްކާނެއެވެ. އެހެނަސް، ހަނުހުންނަން ލުބާނާއަށް އުނދަގޫވާނެއެވެ. ވީކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ.

ހާދިސާއެއް ހިނގިކަމެއް، ހިނގީ ކޮން ހާދިސާއެއްކަމެއް ވެސް ތޫބާއާއި ފަރްހާއަކަށް ނޭނގެއެވެ. ކުރިން އަންނަ ގޮތަށް ލުބާނާގެ ގެއަށް ދެބެން އައިސް ގޮސް ހެދިއެވެ. ބަދަލުއައީ، ދައްތަމެންނާ ދޭތެރޭ ލުބާނާ ދެކޭ ގޮތެވެ. ހަފީޒާ "އަލުން ހައްދައިގެން" އަނގޮޓިތައް ގެނެސް ލުބާނާއަށް ދިނެވެ. ކުރީގެ އަނގޮޓިތަކާއި އެ އަނގޮޓިތައް ހައިރާންވާހައި އެއްގޮތެވެ. ލުބާނާ ހައިރާންވީ އެ ކަމަކާ ނޫނެވެ. އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން ދައްތަމެން އުޅޭތީއެވެ. ލުބާނާގެ އިނގިލިތަކުގައި އަލުން އަނގޮޓިތައް ހުއްޓައި ފެނުމުން ވެސް ދައްތަމެން ހައިރާންނުވީތީއެވެ. ކަންބޮޑުނުވީތީއެވެ.

"ދޮންތައަށް ކަމެއް ނޯޓިސްކުރެވޭތަ؟" އެއްދުވަހަކު ލުބާނާގެ ގެއިން އައި ގޮތަށް ފަރްހާ އެހިއެވެ. "ލުބާ ހާދަ ޗޭންޖުވެއްޖޭ! އެ ގެއަށް ދިޔައިމަ ވެސް އެހައި ޓޯކެއް ނުކުރޭ! މޫޑީވެފަ ހުންނަނީ. އުޅޭނީ އަހަރުމެން ނުގޮސްގެން."

"ފަރޫއަށް އަދި ކިރިޔާ ދޯ ފާހަގަކުރެވުނީ؟" ތޫބާ ބުންޏެވެ. "ކުރިން ގުޅާ ވަރަކަށް މިހާރު ނުވެސް ގުޅައެއްނު! ފޯނު ވެސް ވަރަށް ނުނަގާނެ. ފަހަކުން ނުވެސް ގުޅާނެ. ބިޒީއޭ ބުނާނީ އެކަމަކު ކުރިން އޭނަ އެހާ ބިޒީއެއް ނޫން. އަހަރެން ހާދަ ވިސްނައިފީމޭ! ފަރޫއަށް ފާހަގަކުރެވެންދެން މިހުންނަނީ. ވިސްނާލަބަލަ! މިހާރު މޫވީނައިޓެއް ނޯންނަތާ ކިތައް ދުވަސް؟ ކޮންމެވެސް ކަމެއް ވެއްޖެ!"

ފަރްހާއާއި ތޫބާ އެކި ގޮތްގޮތަށް ވިސްނިއެވެ. މަންމަޔާ މަޝްވަރާކުރާކަށް ނުކެރުނެވެ. ދެބެންގެ މެދުގައި އެ ވާހަކަ ބޭއްވީއެވެ. އެކަމަކު، ތިމާގެކަމުގެ ފާރުގައި އެޅި ރެނދު ދިޔައީ ދިގުވަމުން، ފުޅާވަމުންނެވެ. ފުރަތަމަ ފަހަރަށް، ތޫބާމެން ނުލައި ލުބާނާ ރިސޯޓަކަށް ދިޔައެވެ. ރާއްޖެއިން ބޭރަށް ދިޔައެވެ. އުފަންދުވަހު ބާއްވާ އާއިލީ ބައްދަލުވުމުން ތޫބާއާއި ފަރްހާ މަހުރޫމުކުރިއެވެ. އެ ހުރިހާ ކަމަކަށް ވުރެ ވެސް ފަރްހާއާއި ތޫބާގެ ހިތަށް ތަދުވީ، އެމީހުންގެ އުފަންދުވަހު ލުބާނާ ތަހުނިޔާ ނުކިއީމައެވެ. އެ ސުވާލު ކުރަން ވެސް ކުރިއެވެ. ލިބުނީ، ލިބޭނެކަމަށް އުންމީދުކުރި ޖަވާބެވެ. ލުބާނާ ހަނދާންނެތުނީއެވެ. ފޯނު ސޯނާވި ގަޑީގައި ފޯނު ޗާޖަށްޖަހައިފައި އޮތީއެވެ.

"ހުސް ދޮގު!" އެވާހަކަ ދައްކަމުން ފަރްހާ ބުންޏެވެ.

ދެބެއިން އެވާހަކަދެއްކީ އެނދު ތަންމަތިއަޅަން ތިބެގެންނެވެ. އޭރު އެނދުގައި އޮތް ބެޑުޝީޓަކީ ވެސް، ފަރްހާގެ އުފަންދުވަހަކު ލުބާނާ ހަދިޔާއަކަށް ދިން އެއްޗެކެވެ. އެ ވާހަކަ ވެސް ދެކެވުނެވެ.

"ކޮންމެވެސް ބޮޑު މައްސަލައެއް އެބަ އުޅޭ!" ޔަގީންކަމާ އެކުގައި ފަރްހާ ބުންޏެވެ. "ހިތަށްއަރާ ލުބާ ޑިސްކަސްކުރާނެ ނަމައޭ!"

"އަސްލު ވެސް!" ތޫބާ އެއްބަސްވިއެވެ. "މިހާރު ލަދުގަނޭ އެ ގެއަށް ދާން ވެސް. އަހަރުމެން ފެނުނަސް ލުބާ ހުންނަނީ ފޫހިވެފަ."

"މަގުމަތިން ފެނުނަސް ބަލައި ވެސް ނުލާ!" ފަރްހާ ބުންޏެވެ. "ވަރަށް ވަރަށް ދުރުވެއްޖެ މިހާރު."

ގުޅުން ހައްތަހާ ވީ ގޯހެވެ. ތޫބާއާއި ފަރްހާގެ މަންމައަށް ޝައްކުވިއެވެ. އަނެއްކޮޅުން ލުބާނާއާއި ރަޒީންގެ ކައިވެނި ކައިރިވަމުން އައެވެ. އެއްވެސް ކަމެއް ތޫބާއާއި ފަރްހާއަކަށް ވެސް ނުބައްސައެވެ. ލުބާނާ އުޅެނީ ދެމެދުގައި ފާރެއް ރާނައިގެންނެވެ. މަންމައަށް އޮޅުވައިލަންވެގެން ލުބާނާގެ ގެއަށޭ ކިޔާފައި، ތޫބާމެން ބޭރުގައި އުޅެއުޅެފައި ގެއަށް އަންނަނީއެވެ.

އެއްދުވަހު ތޫބާ އައިސް ގެއަށް ވަންތަނާ މަންމަ ނިކަން ބާރަށް ގޮވައިލި އަޑުއިވުނެވެ. އޭރު ފަރްހާ ހުރީ ހެދުމެއް އިސްތިރިކުރާށެވެ. އަޑު އައީ މަންމަގެ ކޮޓަރިން ކަމުގައިވީތީ، ދެބެން އެކުގައި ކޮޓަރިއަށް ވަނެވެ. ސަފިއްޔާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

"ކިހިނެއްވީ؟" ތޫބާ އެހިއެވެ.

"އެއީ ތެދެއް؟" ސަފިއްޔާ އެހިއެވެ. "ދަރިފުޅުމެން އެ ގެއިން ވައްކަންކުރީ؟"

ނުނިމޭ