10 ފެބުރުއަރީ 2017 - 10:06

ވޮޝިންޓަން (ފެބްރުއަރީ 10) - އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމަށް ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ނެރެފައިވާ އަމުރަށް އިސްތިއުނާފް ކޯޓުން ތާއީދުކޮށްފި އެވެ.

ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުމުގައި އޮތް ނުރައްކަލެއް ސަރުކާރުން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އިސްތިއުނާފް ކޯޓުގެ ނިންމުމާ އެކު އީރާން، އިރާގު، ލީބިއާ، ސޮމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަން މީހުން ސައްހަ ވިސާއާ އެކު ކުރިއެކޭ އެއްގޮތަށް އެމެރިކާ އަށް ދަތުރު ކުރެވޭނެ އެވެ.
ގިނަ ބަޔަކު އިތުބާރު ކުރާ ކޯޓުގެ ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ އާދައިގެ މަތިން ހުކުމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެމެރިކާ ނުރައްކަލަށް ވައްޓާނުލެވޭނެ ކަމަށް ވިދާޅުވެ ވަނީ މި މައްސަލަ މަތީ ހަރުހަލާގެ ކޯޓަކަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ މި މައްސަލައިގައި ފަހުގެ ނިންމުން ނިންމާނީ އެމެރިކާގެ ސްޕްރީމް ކޯޓުން ކަމަށްވެ ބެލެވެ އެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރި ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ އިމިގްރޭޝަން ސިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސް އަށް ލިބިގެންވާ އިރު އެމެރިކާ އަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުން ހުއްޓުވުމުގެ ބާރު ރައީސް އަށް ލިބިގެންވާ ކަމަށެވެ. ރައްދުގައި ކޯޓުން ބުނެފައި ވަނީ އެމެރިކާ އިން މަނާކުރި ހަތް ގައުމުގެ ތެރޭން އެއްވެސް ގައުމެއްގެ މީހަކު އެމެރިކާގައި ޓެރަރިސްޓް ހަމަލާއެއް ދިން ކަމަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ޓްރަމްޕުގެ އަމުރާ ދެކޮޅަށް ވަކާލާތު ކުރި ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުގެ ނިންމުމަކީ އެމެރިކާގައި އެތައް ބައެއްގެ ހައްގު ނިގުޅައިގަތުން ކަމަށާ އަދި އެއީ މުސްލިމުން ވަރަށް ބޮޑަށް ތަފާތު ކުރުން ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައި ވަނީ އިސްތިއުނާފް ހުކުމް ދިރާސާ ކުރަމުންދާ ކަމަށާއި އޭގެ ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
ވޮޝިންޓަން ސްޓޭޓް އެޓާނީ ޖެނެރަލް މިއީ މުޅި ސްޓޭޓަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ.