12 ފެބުރުއަރީ 2017 - 10:18

އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ބޯމަތިވެފައި ވާއިރު ގައުމީ ޓީމުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފާއިތުވި 17 އަހަރުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ނެތްތަން ފޫބައްދާނެ ގޮތެއް ހޯދުމެވެ. ދިވެހި ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ބޮޑު ފުޓްބޯޅަ މުބާރާތުން ޖާގައެއް ހޯދުމަށް މަސައްކަތް ފަށާއިރު، ފެންވަރު ރަނގަޅު ކީޕަރުންގެ އަދަދު ނިސްބަތުން މަދެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް ބަލާއިރު މި ވަގުތު ފުރަތަމަ އެގާރަ ޔަގީންވެފައި ތިބި ދިވެހި ކީޕަރުން މަދެވެ. ފުރަތަމަ އެގާރަ ޔަގީންވެފައިވަނީ ނިއު ރޭޑިއަންޓުގެ އިމްރާނާއި ވެލެންސިއާ ގޯލުގައި ހުރި މުހައްމަދު ފައިސަލަށެވެ.

ދެން ހުރީ މިދިޔަ އަހަރުގެ ބައެއް މެޗުތަކުގައި ގައުމީ ޓީމުގެ ގޯލަށް ކުޅުނު މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ. އޭނާ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ. އެހެން ނަމަވެސް ވިކްޓަރީގައި ދެން ހުރީ މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ އަށް މޮޅު ކުޅުމެއް ދެެއްކި ސީރިއާ ގައުމީ ޓީމުގެ ކީޕަރު މަހުމޫދް އަލް ޔޫސުފް އެވެ. އެހެން ކަމުން ވިކްޓަރީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން އޭނާ އަށް ދެގުނަ މަސައްކަތްކުރަން ޖެހޭނެ އެވެ.
މިހާރު ތިބި ކީޕަރުންނަށް ބަލާއިރު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ވެލެންސިއާގެ ފައިސަލަށެވެ. އެއީ މި ވަގުތަށް ބެލި ކަމުގައި ވިޔަސް އޭނާ އަކީ ވެލެންސިއާ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކުޅުންތެރިޔަކަށް ވުމުންނެވެ.
އޭއެފްސީ ކަޕުގައި ވެލެންސިއާ ވާދަކުރާތީ ސަރަހައްދީ ފެންވަރުގެ މުބާރާތެއްގައި ކުޅޭ ހަމައެކަނި ދިވެހި ކީޕަރަކީ ވެސް ފައިސަލެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓީ ވެސް ފައިސަލެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ބައެއް މެޗުތަކުގައި ކުޑަ އިންމަ ވަނީ ކުޅެފަ އެވެ. ބައެއް މެޗުތަކުގައި އޭނާގެ ފަރާތުން ފެންވަރު ރަނގަޅު މޮޅު ކުޅުމެއް ފެނުނެވެ. ދިމާވި ހަމައެކަނި މައްސަލަ އަކީ ތަޖުރިބާ މަދުވުމެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފާއިތުވި ސީޒަންތަކުގައި ފެނުނު އަނެއް ކީޕަރަކީ މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ކުޅުނު އިފްރާހް އަރީފް އެވެ. އާ ސީޒަނަށް ކްލަބްތަކުން ފަރިތަކުރުންތައް ފަށާފައިވާއިރު، އިފްރާހް އެއްވެސް ކްލަބެއްގެ ފަރިތަކުރުންތަކުން ނުފެނެ އެވެ. އަދި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާޢްޖޭގެ ޒުވާން ޓީމުގެ ގޯލު ބެލެހެއްޓި މުހައްމަދު ޖަޒްލާން (ބަބޭ) ވެސް އެންމެ ފަހުން ފެނުނީ ތިން ވަނަ ޑިވިޝަނުންނެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އަހަރަކަށް ފަހު އަހަރެއް ބިދޭސީ ކީޕަރުން އަންނަނީ އިތުރުވަމުންނެވެ. މި އަހަރު ފުރަތަމަ ޑިވިޝަން އަށް ކްލަބްގެ ތެރެއިން ޔަގީނުން ވެސް ހަ ކްލަބެއްގެ ފުރަތަމަ އެގާރައިން ފެންނާނީ ބިދޭސީ ކީޕަރުންނެވެ.
ޓީސީން ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން ގެނައިރު، އީގަލްސް އިން ވަނީ މި ފަހަރު ވެސް ސްރީލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ފެރޭރާ ގެނެސްފަ އެވެ. ގްރީން ސްޓްރީޓުން މިދިޔަ އަހަރު ނިއު އަށް ކުޅުނު ޖަޕާންގެ ކީޕަރު ޖުން ކޮޗީ ގެނައިރު، ޔުނައިޓެޑް ވިކްޓަރީގެ ގޯލުން ފެންނާނީ ކިރްގިސްތާނުގެ ރުސްލާން އާމިރޯވް އެވެ. އަދި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން ވެސް ވަނީ ކުރިން އެ ޓީމަށް ކުޅުނު ކިރްގިސްތާންގެ ޕަވެލް މަޓިއަޝް ގެނެސްފަ އެވެ.
ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) "މިހާރަ"ށް ބުނީ ފުރަތަމަ ޑިވިޝަން ކްލަބްތަކުން ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުން އިތުރުކުރަން ވެއްޖެ ކަމަށެވެ.
"ވަރަށް ބޮޑު ގޮންޖެހުމެއް މިއީ. ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި އިންމަ ވަކިވިއިރު އެ މަގާމަށް ކުޅޭނެ ރަނގަޅު ރިޕްލޭސްމަންޓެއް ނެތް. މި ވަގުތަށް ބެލިޔަސް ފުރަތަމަ ޑިވިޝަނުގައި ގިނައީ ބިދޭސީ ކީޕަރުން. ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ މެނޭޖްމަންޓުން އެބަޖެހޭ މިކަމާ މެދު ވިސްނަން،" ޑަކޭ ބުންޏެވެ.
"ހަގީގަތުގައި މިއީ ކުރިއަރަން ތިބި ދިވެހި ކީޕަރުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ރާއްޖޭގެ އެންމެ ޓޮޕް ލެވެލްގައި ކުޅެލާނެ ފުރުސަތެއް ދިވެހި ކީޕަރުންނަށް ނުލިބޭނަމަ ގައުމީ ޓީމަށް މުސްތަގުބަލުގައި ރަނގަޅު ކީޕަރެއް ނުލިބޭނެ،" އޭނާ ބުންޏެވެ.
"ދިވެހި ކީޕަރުން ވެސް ވީ އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކޮށްގެން ޓީމުތަކުގެ އެއް ވަނަ ކީޕަރަށް ވާން މަސައްކަތް ކުރަން. ހިތްވަރެއް ހުރި ނަމަ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް ލިބޭނެ."
ބިދޭސީ ކީޕަރުން ޓީމުތަކުގައި ގިނަވާނަމަ އޭގެ ސަބަބުން ދިވެހި ފުޓްބޯޅަ އަށް ގެއްލުން ބޮޑު ކަމަށާއި އެ މަގާމަށް ކުޅޭނެ ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމަށް ދަތިވާނެ ކަމަށް ޑަކޭ ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މާޗް މަހު 28 ވަނަ ދުވަހު މާލޭގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.