08 ޑިސެމްބަރ 2023 - 21:02

ޥަރަށް ބޮޑަށް މަރާމަތު ކުރަންޖެހޭ ކްރިމިނަލް ކޯޓުގެ އިމާރާތުގެ މަސައްކަތްތައްް ހުޅުމާލެ އަށް ބަދަލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް އިތުރު ކުރަން ސަރުކާރުން ފޮނުވާފައިވާ ބައިތައް ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެ އަށް ބަދަލު ކުރުމަށް 15 މިލިއަން ރުފިޔާ އެ އޮފީހުގެ ބަޖެޓަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ކޮމިޓީން ވަނީ އެ އަދަދާއެކު، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސްކޮށްފަ އެވެ. ސަރުކާރު އޮފީސްތަކުގެ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުކޮށް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރޭ ވަނީ ފާސްކޮށްފަ އެވެ.
ކްރިމިނަލް ކޯޓު ހިންގަމުންދާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީ އަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތުން މިހާރު ބޭނުން ކުރަނީ އެއް ބައި ކަމަށްވާތީ ގިނަ މީހުން ހާޒިރުކޮށްގެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވޭ މިންވަރު މިހާރު މަދެވެ. އަދި ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންވެ، ބޮޑެތި މައްސަލަތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވެފައިވެ އެވެ.
ކްރިމިނަލް ކޯޓު ކުރިން ހިންގަމުން ދިޔައީ ޖަސްޓިސް ބިލްޑިންގްގަ އެވެ. އެސްޓީއޯ ކުރީގެ އިމާރާތަށް އެ ކޯޓު ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. ކްރިމިނަލް ކޯޓުގެ އިތުރުން މާލޭގެ ހުރިހާ ކޯޓަކަށް ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވެ އެވެ.