08 ޑިސެމްބަރ 2023 - 16:28

އާ ސަރުކާރަށް މަހެއް ވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ރައީސް އޮފީހުގައި މީޑިއާތަކަށް މައުލޫމާތު ދޭން ތަރުޖަމާނެއް އައްޔަނުނުކޮށް ދިގުލައިގެން ހިނގައްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ 17 ގައި ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓާއި ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވި އެވެ. އޭގެ ފަހުން، އެ މަނިކުފާނު ގެންދަވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ވެސް ބޭފުޅުން ހަމަޖައްސަވަމުންނެވެ.
އެކަމަކު، ސަރުކާރަށް 21 ދުވަސް ވެގެން ދިޔައިރު ވެސް، ރައީސް އޮފީހަށް ތަރުޖަމާނެއް އައްޔަންނުކުރެ އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިނިސްޓަރު އިބްރާހިމް ހަލީލް ރޭ ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރަމުން އަންނާތީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ވެސް ކުރިއަށް އޮތް ތަނުގައި ބޭފުޅަކު އައްޔަންކުރާނެ ކަމަށެވެ.
ހަލީލް ވިދާޅުވީ ދެފުށް ފެންނަ ސަރުކާރެއް ގާއިމްކުރުމަކީ ރައީސްގެ ވައުދަކަށް ވާތީ އެކަން ހާސިލްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިނިސްޓްރީތަކާއި ކުންފުނިތަކުގައި މީޑިއާ ޔުނިޓްތައް ގާއިމްކޮށް، ވަރަށް ހަލުއިކޮށް ނޫސްވެރިންނަށް ޖަވާބުދާރީ ވާނެ. އެކަން ދަނީ ހިނގަމުން،" އޭނާ ވިދާޅުވި އެވެ.
"ކޮންމެ މައުލޫމާތެއް ދޭ ފަރާތަކީ ރައީސް އޮފީސް ކަމަށް އޮތުން އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫން."
މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑރ. މުއިއްޒު މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން ނިއުސް ކޮންފަރެންސް ބާއްވަވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. އަދި ހަލީލް ވިދާޅުވީ، އޭނާ މެދުވެރިކޮށް މީޑިއާތަކަށް އަބަދުވެސް މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.