އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމަށް ސައެންސްވެރިން ވެސް ދެކޮޅު
އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމަށް ސައެންސްވެރިން ވެސް ދެކޮޅު

ލަންޑަން (ޖޫން 11) - ޔޫރަޕިއަން ޔޫނިއަން އިން އިނގިރޭސި ވިލާތް ވަކި ނުވުމަށް އެދި އިނގިރޭސި ވިލާތުގެ އެންމެ ވަރުގަދަ 13 ސައެންސްވެރިއަކު ސިޓީއެއް މެދުވެރިކޮށް އިލްތިމާސް ކޮށްފި އެވެ.

ނޯބެލް އިނާމު ވެސް ހާސިލްކޮށްފައިވާ ސައެންސްވެރިން ވަނީ އީޔޫ އިން އިނގިރޭސި ވިލާތްް ވަކިވެއްޖެ ނަމަ ވާނެ ގޮތްތައް ބަޔާންކޮށްދީފަ އެވެ. ސައެންސްގެ ދާއިރާ އަށް ލިބޭނެ އެންމެ ބޮޑު ހީނަރު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރިސާޗަށް ބޭނުންވާ ފައިސާ ހޯދުމުގައި ކުރިމަތިވާނެ ދަތިތަކެވެ.

"އީޔޫ އިން ރިސާޗަށް ލިބޭ ފައިސާ އުނިވެގެން ދިޔުމަކީ އިނގިރޭސި ވިލާތުގެ ސައެންސަށް ކުރިމަތިވާނެ އެންމެ ބޮޑު ގެއްލުން،" ޑެއިލީ ޓެލެގްރާފުގައި ޝާއިއުކޮށްފައިވާ ސައެންސްވެރިންގެ ސިޓީގައި ބުނެފައިވެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެންބަރެއްގެ ގޮތުގައި އިނގިރޭސި ވިލާތް އޮންނަން ފެނޭތޯ ބެލުމަށް މި މަހު 23 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގެ ކުރިންް ނެގި ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކަނީ ދާދި ހަމަހަމަކޮށެވެ. ހުކުރު ދުވަހު ނެގި އޮންލައިން ޕޯލަކުން އީޔޫ އިން ވަކިވުމަށް 55 ޕަސެންޓް މީހުންނަށް ފެންނަ އިރު އީޔޫގެ މެންބަރެއްގެ ގޮތުގައި ދެމި އޮންނަން ފެންނަ ކަމަށް 45 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އޭގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ހަ ވޯޓުން ވެސް ކޮންމެ ކޮޅަކަށް ލިބިފައި ވަނީ 50 ޕަސެންޓެވެ.

އަނެއްކޮޅުން އިނގިރޭސި ވިލާތުގެ އިސް އިންވެސްޓަރެއް ކަމަށްވާ ބިލިއަނަރު ޖޭމްސް ޑައިސަން ވަނީ އީޔޫ އިން ވަކިވުމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ.