07 ޑިސެމްބަރ 2023 - 13:27

އައްޑޫގައި ގޭންގު މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބާކީ ތިބި 10 މީހުންގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން ބުނީ އައްޑޫގައި ހިންގި ދެ މާރާމާރީގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ.
އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާދިނެވެ.
އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.
އިއްޔެ ފުލުހުން ވަނީ މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ވެސް ހޯދައިފަ އެވެ.
އެ މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.