07 ޑިސެމްބަރ 2023 - 12:19

މި ސަރުކާރު ކޮރަޕްޓުނުވެ ހިންގަވާނެ ކަމަށާއި ސަރުކާރުގައި ކޮރަޕްޝަން ހިންގާކަން ސާބިތުވެއްޖެ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އާ ސަރުކާރުގެ ސިޔާސަތަކީ ކުޑަވިޔަސް އަދި ބޮޑުވިޔަސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދިނުން ކަމަށެވެ.
ހަމައެއާއެކު، މި ސަރުކާރު ކޮރަޕްޓުނުވެ، ހިންގާނެ ކަމުގެ ޔަގީންކަން ވެސް، ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ދެއްވި އެވެ.
"އަޅުގަނޑު ތި ބޭފުޅުންނަށް އަރުވާނެ ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓު ނުވެ ހިންގާނަންކަން. ހަމަ އެހެންމެ، އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި ނަމަ، އެ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުގަނޑުމެން ފަސްނުޖެހި އަޅާނެކަން،" ރައީސް ވިދާޅުވި އެވެ.
"އެކަމުގައި، އަޅުގަނޑުމެން އެއްވެސް ވަރަކަށް ހިޔާލު ތަފާތުވުމެއް ނޯންނާނެކަން."
ރައީސް ވިދާޅުވީ އާއެކޭ ބުނަންޖެހޭ ތަނުގައި އާއެކޭ ބުނެ، އަދި ނޫނެކޭ ބުނާ ތަނުގައި ނޫނެކޭ ބުނުމަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނުން ކަމަށެވެ.
ކޮރަޕްޓުވުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ރަނގަޅު ގޮތް ދޫކޮށްލައި ކަންކުރަން އޮންނަ ހެޔޮ މަގު ދޫކޮށްލައި، ކަތި މަގުން ކަންކަން ކުރުން ކަމަށެވެ. އޭގެ އިތުރުން، އިންސާފާއި ހަމައިން އެއްކިބާވެ، ތިމާއަށް ލިބިފައިވާ ބާރެއް އަދި ނުފޫޒެއް ނެތި ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ވާތީ، ކޮރަޕްޝަނާ ދެކޮޅު މަސައްކަތަކީ ތިމާއާ ހަމައިން ފެށޭ މަސައްކަތެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ކަންކަމަކީ އަމިއްލަ ނަފްސުގެ މައްޗަށް ހޯދަންޖެހޭ ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ހެޔޮ ބަދަލު އަމިއްލަ ނަފްސަށް ގެނެސްގެން އެތައް ބަޔަކު ކުރާ ތެދުވެރި، އިހުލާސްތެރި މަސައްކަތަކުން މުޖުތަމައުއަށް ނުވަތަ ދުނިޔެެއަށް ހެޔޮ ބަދަލު ގެނެވޭނެ. ކޮރަޕްޝަނަށް ނޫނެކޭ ބުނަން ކެރޭ، ބުނަން އެނގޭނެ." ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަނަކީ ދިވެހިންގެ ރާއްޖެއަށް ބީރައްޓެހި އެއްޗެއް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހަށް ބަލާއިރު ވެސް އެކަން ފެނިގެންދާ ކަމަށެވެ. އެގޮތުން، އިބްނު ބަތޫތާގެ ލިޔުއްވި ފޮތުން ދިވެހިންގެ ހަރުދަނާކަމާއި ފަނޑިޔާރުގެ މިނިވަންކަން އެނގިގެންދިޔަ ކަމަށް ވިދާޅުވި އެވެ.
ބޭރު މީހުންގެ އިތުބާރު ދިވެހިންނަށް ލިބޭނީ ރީތި އަހުލާގުންނާއި ތަހުޒީބީ ކުރިއެރުމުން ކަމަށް ވިދާޅުވި އެވެ. އެއީ، ސަލާމަތާއި ފުދުންތެރިކަމަށްޓަކައި ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ އިންޑަސްޓްރީއަށް އިންވެސްޓަރުންގެ އިތުބާރު ލިބޭނީ މިކަންކަމުން ކަމަށްވާތީ، ކޮރަޕްޝަނާ ދެކޮޅުވުމަކީ ގައުމީ ކަމަކަށް ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.