07 ޑިސެމްބަރ 2023 - 10:10

ޕޮލިސް ކޮމިޝަނަރު ބިއުރޯ ހިންގުމުގައި މިހާތަނަށް އެންމެ އިސްކޮށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޔޫނުސް ސޮބާހު އައްޑޫ ޕޮލިސް އެކަޑެމީ އަށް ބަދަލުކޮށްފި އެވެ.
ޔޫނުސް މިހާތަނަށް ހުންނެވީ ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމުގަ އެވެ. އޭނާ ބަދަލުކުރީ އެގްޒެކެޓިވް ޑިރެކްޓަ އޮފް ޕޮލިސް އެކެޑަމީގެ މަގާމަށެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ވެސް ހުންނެވި ޔޫނުސް ޕޮލިސް އެކަޑެމީ އަށް އިއްޔެ އިން ފެށިގެން ބަދަލު ކޮށްފައިވާ ކަން އޭނާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
ޔޫނުސް އަދާކުރައްވަމުން ގެންދެވި ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ ކުރިން އައްޑޫ ޕޮލިސް އެކަޑެމީ ހިންގަން ހަވާލުކޮށްފައިވާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާންއާ އެވެ.
ޔޫނުސްއަކީ މީގެ ކުރިން ވެސް އައްޑޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލުހުންގެ ވަޒީފާ އިން އިސްތިއުފާ ދެއްވުމަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ އަލުން އެ ހިދުމަތާ ގުޅިވަޑައިގެންފަ އެވެ.
ޝިފާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމް ވެސް އަދާ ކުރެއްވި ބޭފުޅެކެވެ.