10 ފެބުރުއަރީ 2017 - 09:28

މި މަހު 18 ވަނަ ދުވަހުން ފެށިގެން އަންނަ މަހު 3 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބާއްވާ ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ތިން ގައުމުގެ ލީގު ޗެމްޕިއަނުންނާ ވާދަކުރަން ޖެހިއްޖެ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ބަންގްލަދޭޝްގެ ތިން ކްލަބާއި އިތުރު ފަސް ގައުމުގެ ފަސް ޓީމެކެވެ. ބަންގްލަދޭޝުން ވާދަކުރަނީ ބަންގްލަދޭޝް ޕްރިމިއާ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އާއި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮންގް އަބަހާނީގެ އިތުރުން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ކްލަބް މުހައްމަދޭން އެސްސީ ޑާކާ އެވެ.
މީގެ ތެރެއިން ޑާކާ އަބަހާނީ ތައްޔާރުވަމުން އަންނަނީ މި ފަހަރުގެ އޭއެފްސީ ކަޕަށެވެ.
ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ ޓީމުތަކަކީ ނޭޕާލްގެ ގައުމީ ލީގު ޗެމްޕިއަން މަނަން މަޝްޔާންޑީ އާއި އަފްގާނިސްތާންގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ޝަހީން އަސްމާޔީ އާއި ފިލިޕީންސް ފުރަތަމަ ޑިވިޝަން ލީގުގެ ހަ ވަނަ މިދިޔަ އަހަރު ހޯދި ސްޓެލިއޯން އެފްސީ އަދި ދެކުނު ކޮރެއާގެ ތިން ވަނަ ޑިވިޝަންގެ ކްލަބް އެފްސީ ޕޮޗެއޯން އެވެ.
މި މުބާރާތުގައި ވާދަކުރާ މަނަން އަކީ ނޭޕާލްގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބެވެ. އެ ޓީމުން ވަނީ ނޭޕާލްގެ ގައުމީ ލީގު ހަތް ފަހަރު ހޯދައިފަ އެވެ. ނޭޕާލް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިންނާ އެކު އޮތް މަނަން ޓީމުގައި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހިމެނެ އެވެ.
އަފްގާނިސްތާންގެ ޝަހީން އަސްމާޔީ އަކީ 2012 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. މި ޓީމުގައި އަފްގާނިސްތާން ގައުމީ ޓީމަށް ކުޅޭ މާ ގިނަ ކުޅުންތެރިންނެއް ނުހިމެނެ އެވެ. އަފްގާނިސްތާން ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ގައުމުގެ ތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. ޝަހީން ޓީމަކީ އަފްގާނިސްތާނުގެ ފުރަތަމަ ޑިވިޝަންގައި ފާއިތުވި ތިން އަހަރު އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމެވެ.
މި މުބާރާތުގައި ކުޅޭ ފިލިޕީންސްގެ ސްޓެލިއޯން އެފްސީ އަކީ މިދިޔަ ފަހަރު އެ ގައުމުގެ ލީގުގެ ހަ ވަަނަ އަށް ދިޔަ ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ޓީމެކެވެ.
ޓީސީ އަކީ މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ދެ ވަނަ ޓީމެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމެއް ބައިވެރި ކުރުމުގެ ފުރުސަތު އެފްއޭއެމަށް ލިބުމުން އެ ފުރުސަތު ޓީސީ އަށް ދޭން ނިންމީ ލީގު ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕް ކުޅެމުންދާތީވެ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޓީސީ އަށް ލިބުމުން އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ފުރަތަމަ ޑިވިޝަނަށް ޅަ ކްލަބަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަން ލިބުނު ތަޖުރިބާއެއް ކަމަށާއި މީގެ ފައިދާ އެ ޓީމަށް އެތައް ގޮތަކުން ކުރާނެ ކަމަށެވެ.