އާސެނަލަށް އަދިވެސް ލީގު ލިބިދާނެ: ވެންގާ
އާސެނަލަށް އަދިވެސް ލީގު ލިބިދާނެ: ވެންގާ

ލަންޑަން (ފެބްރުއަރީ 10) – ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު 12 ޕޮއިންޓުގެ ފަގަރެއް އޮތަސް، އާސެނަލަށް އަދިވެސް ލީގު ކާމިޔާބުކުރެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޕްރިމިއާ ލީގު އެންމެ ފަހުން 2004 ވަނަ އަހަރު ކާމިޔާބުކުރި އާސެނަލް މި ސީޒަނުގައި ލީގުގެ ދެ ވަނައިގައި ވެސް ހަމަޖެހިލި އެވެ. އެކަމަކު މަގާމް ނުހިފެހެއްޓި އެންމެ ފަހުން މިވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާ އާސެނަލުން ލީގުގައި ހޮނިހިރު ދުވަހު ބައްދަލުކުރާނީ ހަލް ސިޓީއާ އެވެ.

"ލީގު ހޯދުމުގެ ރޭސް އަދި ނުނިމޭ. ކަލޭމެން މީޑިއާ އިން ލީގު ނިމިއްޖެ ކަމަށް ގަބޫލުކުރިޔަސް އަހަރެން އެގޮތަށް ގަބޫލެއް ނުކުރަން،" ވެންގާ ބުންޏެވެ. "އަހަރެމެންނަށް ލީގު ހޯދުމުގެ ފުރުސަތު ނެތިއްޖާ އެެހެން އެއްވެސް ޓީމަކަށް ނެތް އެ ފުރުސަތެއް. މި ފަހަރު އެންމެ މިތިބީ ބަންޑެލިވެފައި. ލީގުގެ ކޮންމެ މަގާމަކަށް ވާދަކުރުމަކީ ވެސް އެހާ ބޮޑު މަސައްކަތެއް."

ވެންގާ ބުނީ ޔޫރަޕުގައި ނުކުޅޭތީ ޗެލްސީ އަށް މި ފަހަރު އެޑްވާންޓޭޖް އެބައޮތް ކަމަށާއި ހަފުތާގެ މެދުތެރޭގައި އެ ޓީމަށް މެޗެއް ނެތުމުގެ ފައިދާ އެ ޓީމުން ނަގަމުން އަންނަ ކަމަށެވެ.

"އަހަރެމެން އެބަޖެހޭ އެކުވެރިކަމާ އެކު ތިބެން. އެ ނޫނީ ފުރުސަތެއް ނެތް،" ވެންގާ ބުންޏެވެ.

ޗެލްސީ އަތުން މިދިޔަ ހަފުތާގައި 3-1 އިން އާސެނަލް ބަލިވުމާ އެކު ވެންގާގެ އިސްތިއުފާ އަށް ވަނީ ގޮވައިފަ އެވެ. އެގޮތުން "ފުދިއްޖެ" ޖަހާފައިވާ ބޯޑެއް ހިފައިގެން ސްޓެމްފަޑް ބްރިޖުގައި ހުރި އާސެނަލް ސަޕޯޓެއްގެ ފޮޓޯ ވަނީ އިންޓަނެޓުގައި ދައުރުވެފަ އެވެ. އާސެނަލްގެ ކޯޗުކަން 1996 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ވެންގާ ކްލަބް ދޫކޮށްލުމަށް އެ ކްލަބުގެ ކުރީގެ ބައެއް ތަރިން ވެސް ގޮވާލި އެވެ.

"މީގައި މުހިއްމީ ކުރިއަށް އޮންނަ މެޗަށް ސަމާލުކަން ދިނުން. އެންމެ ސަޕޯޓަރަކަށް އެހާ ބޮޑު ފޯކަސްއެއް ކުރުން މުހިއްމު ނޫން. އާސެނަލްގެ ސަޕޯޓަރުން އަބަދުވެސް ތިބެނީ ކްލަބާ އެކު. އަދި އެ ސަޕޯޓަރުންގެ އުއްމީދުތައް ވެސް މަތި. ދެ މެޗުން ބަލިވިޔަސް އަހަރެން ބޭނުންވަނީ ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބުމަށް. ޕޮޒިޓިވް ނަތީޖާތަކަށް ސަމާލުކަންދޭންވީ. އާސެނަލްގެ ކުޅުންތެރިންނަކީ މިދިޔަ އަންގާރަ ދުވަހު ވެސް އަދި މިހާރު ވެސް މޮޅެތި ކުޅުންތެރިން،" ވެންގާ ބުންޏެވެ.