އެމެރިކާ އާއި އިޒްރޭލުގެ ދޮގުތައް ޔަހޫދީން ބޭޒާރު ކުރަނީ
އެމެރިކާ އާއި އިޒްރޭލުގެ ދޮގުތައް ޔަހޫދީން ބޭޒާރު ކުރަނީ

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ދިފާއުގައި އިޒްރޭލުން ހަދަމުންދާ ދޮގުތައް ގަބޫލުކުރާނެ އެކަކު ވެސް މިއަދު ނެތެވެ. އިޒްރޭލުން އެންމެ ފުރަތަމަ ބުނަން ފެށީ، އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަމަލާގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ ކުޑަކުދިން އަތުލައިގަނެ އެކުދިންގެ ކަރު ބުރިކޮށް ކަތިލި ކަމަށެވެ.

ޒަޔަނިސްޓު ޔަހޫދީ ދައުލަތުގެ އެ ވާހަކަތައް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް، އެއްވެސް ހެއްކެއް ނެތި ތަކުރާރު ކުރެއްވި އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ ބައިޑެންގެ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަން ހާމަކޮށްފަ އެވެ. އެއާ އެކު، އިޒްރޭލުގެ ނޫސްތަކުން ވެސް އިޒްރޭލު ސަރުކާރުގެ އެ ތުހުމަތުތައް ދޮގުކުރަން ފެށި އެވެ.

އެންމެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިޒްރޭލު ސަރުކާރުން ބުނެފައިވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރޭގައި ހިމެނޭ އަންހެނުންނަށް ހަމާސްގެ މުޖާހިދުންގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އަންހެނުން ރޭޕްކުރި ކަމަށް ވެސް އިޒްރޭލާއި އެމެރިކާ އިން އިއްޔެ ތުހުމަތުކުރި އެވެ.

އިޒްރޭލު ސަރުކާރާއި ރައީސް ޖޯ ބައިޑެންގެ މި ތުހުމަތުތައް މި ތިލަވީ، ހަމާސް އިން މިނިވަން ކުރި ރަހީނުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ކުރިމަތީގައި ހަމާސްގެ ހަނގުރާމަވެރިންނާ ސަލާންގަލާންކޮށް އުފާވެރިކަމާ އެކު އަލްވަދާއު ކިޔައި އާއިލާތަކުގެ ކައިރިއަށް ދިޔަތާ ވެސް ފަސް ދުވަސް ފަހުންނެވެ. ހަމާސްގެ ހަނގުރާމަވެރިންނާ ސަލާމްކޮށް ހިނިތުންވުމާ އެކު ރެޑް ކްރޮސްގެ ޖިޕްތަކުގައި މިސްރުގެ ރަފަހް އިން އިޒްރޭލަށް ދަތުރުކުރި ރަހީނުންގެ ތެރޭގައި، އެންމެ ޒުވާން ފުރައިގެ އަންހެނުންނާއި އަންހެން ކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލު ސަރުކާރުގެ އެ ތުހުމަތުތައް އާންމުވުމާ އެކު، މިނިވަންވި ބައެއް އަންހެން ކުދިން ވަނީ ޓިކްޓޮކްގައި އިޒްރޭލު ސަރުކާރަށް ޖޯކު ޖަހައިފަ އެވެ. މިދިޔަ ހަފުތާގައި ހަމާސް އިން މިނިވަންކުރި ޒުވާން ދެ އަންހެންކުދިން ކަމަށްވާ އަލްމާ އޯރް، 13، އާއި އޭނާގެ ދައްތަ ނައޯމް އޯރް، 17، ޓިކްޓޮކްގައި އިއްޔެ ބުނެފައިވަނީ، ނަފްސާނީ އެއްވެސް އުނދަގުލެއް ކުރިމަތިނުވެ، އާދައިގެ ދިރިއުޅުމަށް އެނބުރި އާދެވިފައިވާ ކަމަށެވެ.

"ހަމާސްގެ އަސީރުންގެ ގޮތުގައި ތިބުމަށް ފަހު، ރަތް ފިނިފެންމާތައް އަލުން ނުކުމެއްޖެ،" ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއެއްގައި އަލްމާ އޯރް ބުންޏެވެ. އެހެން ވީޑިއޯއެއްގައި ނައޯމް ބުނެފައިވަނީ އާންމު ދިރިއުޅުމަށް އަނބުރާ އިއާދަވެވިއްޖެ ކަމަށެވެ.

ހަމާސް އިން މިނިވަންކުރި އެހެން އަންހެން ކުއްޖެއް ކަމަށްވާ ޣާލީ ތިރްޝާންސްކީ، 13، އާންމު ކުރި ވޯޑިއޯއެއްގައި، "ހަޔާތައް މާމުއީގެ ފޮނިކަން ލިބިއްޖެ، ހުރިހާ ކަމެއް ވެސް ބަރާބަރު" ކަމަށް ބުނެފައިވެ އެވެ. އޭނާގެ އެ ވީޑިއޯ އަށް ކޮމެންޓް ކުރި މީހަކު، އިޒްރޭލު ސަރުކާރުގެ ތުހުމަތުތަކަށް އިޝާރާތްކޮށް، ޣާލީ ތިހުރީ މަރުވެފައި ކަމަށް ބުންޏެވެ. ޖަވާބުގައި ޣާލީ ބުނެފައިވަނީ "މަ މިއޮތީ އަނދައި އަޅިއަށް ވެފައި" ކަމަށެވެ.

ހަމާސް އިން މިނިވަން ކުރި ރަހީނުން ސޯޝަލް މީޑިއާގައި މިހާތަނަށް އާންމުކުރި ހުރިހާ ޕޯސްޓްތަކެއްގައި ވެސް ފެންނަނީ، އިޒްރޭލު ސަރުކާރަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ފާޑުކިޔާތީ އެވެ. ހަމާސް އިން އެމީހުންނަށް ގެއްލުމެއް ދިން ކަމަށް ނުވަތަ އަނިޔާއެއް ކުރި ކަމަށް އެންމެ ރަހީނަކު ވެސް އަދި ނުބުނެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 61 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16300 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7112 ކުޑަކުދިންނާއި 4885 އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 43000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7900 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.