06 ޑިސެމްބަރ 2023 - 13:13

ފަލަސްތީނުގެ ޣައްޒާ އަށް އަރައިގެން އުޅޭ އިޒްރޭލުގެ އެއްގަމު ސިފައިންގެ ލަޝްކަރަށް އިއްޔެއަކީ ވަރަށް ގެއްލުން ބޮޑު ދުވަހެއް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އެއްބަސްވެއްޖެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިއްޔެގެ ހެނދުނުން ފެށިގެން ޣައްޒާގެ ޖުހަރް ދީކް ކިޔާ ސަރަހައްދުގައި ހަމާސްގެ މުޖާހިދުންގެ ފަރާތުން ވަރަށް ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވި އެވެ. އެ ހަމަލާތައް އިއްޔެގެ އިރުއޮއްސުމާ ހަމައަށް ދެމިގެން ދިޔަ އިރު، އިޒްރޭލު ސިފައިންގެ ހަތް މީހުން މަރުވި އިރު، އޭގެ ތެރޭގައި މަތީ ފެންވަރުގެ ފަސް އޮފިސަރަކު ހިމެނެ އެވެ.
އެއްގަމު ސިފައިން ޣައްޒާ އަށް އަރައިގެން ހަނގުރާމަ ފެށި ފަހުން، މަރުވި އިޒްރޭލު ސިފައިންގެ އަދަދު މިހާރު ވަނީ 84 އަށް އަރާފައި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި އިއްޔެގެ ނިޔަލަށް މަރުވި އިޒްރޭލު ސިފައިންގެ އަދަދު ޖުމްލަ 408 އަށް އެރީ އެވެ.
ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އިޒްރޭލުން އެއްބަސްވި އިރު، ފަލަސްތީނުގެ މުޖާހިދުން ވަނީ އިޒްރޭލު ސިފައިންގެ ފޭލިގެއަކަށް އަތްފޯރާ ފަށުން ހަމަލާ ދިން މަންޒަރުތަކެއް އާންމުކޮށްފަ އެވެ. ޣައްޒާގެ އުތުރުކޮޅަށް އިޒްރޭލު ސިފައިން ބޮން އަޅައި ސުންނާފަތި ކޮށްލާފައިވާ ސަރަހައްދެއްގައި ފޭލިގެ ޖަހައިގެން އިޒްރޭލު ސިފައިން އަރާމު ކުރަން ތިއްބައި، ހަމާސްގެ މުޖާހިދުން ވަނީ އެ ފޭލިގޭގެ ފޮތިގަނޑުގެ އެތެރެއަށް ކެމެރާ ވައްދައި މަންޒަރުތައް ވީޑިއޯކޮށްފަ އެވެ.
އެ މަންޒަރުތައް ވީޑިއޯ ކުރުމަށް ފަހު މުޖާހިދުން ވަނީ އެ ފޭލިގެއަށް ހަމަލާ ދީ ބައެއް ސިފައިން މަރާލައިފަ އެވެ. ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ މުޖާހިދުން އިއްޔެ ދިން ހަމަލާތަކުގައި އިޒްރޭލުގެ ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ހަލާކުކޮށްލި ކަމަށް އެދެ ޖަމާއަތުން ބުނެ އެވެ.
އޭގެ އިތުރުން ހަމާސް ޖަމާއަތުގެ މުޖާހިދުން އިއްޔެ ވެސް އިޒްރޭލުގެ ވެރިރަށް ތަލް އަބީބް އަށް ރޮކެޓް ހަމަލާތަކެއް ދިނެވެ. އެ ރޮކެޓްތައް ވައިގެ ތެރެއަށް ގޮއްވައިލުމަށް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން މަސައްކަތް ކުރި ނަމަވެސް، ހަމާސްގެ 10 ރޮކެޓެއް ވަނީ ތަލް އަބީބްގެ އެކި ތަންތަނަށް އަމާޒުވެފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 61 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16300 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7112 ކުޑަކުދިންނާއި 4885 އަންހެނުން ހިމެނެ އެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 43000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7900 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.